ކޮމިޝަންތަކުގެ ބިލު އޮތީ ފުލުހުންނާއި އޭސީސީގެ ބާރު ހަނިވާ ގޮތަށް: ކައުންސިލާ ޖެނެރަލް

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނު އެކުލަވާލެއްވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނަށް އެމަނިކުފާނު އައްޔަން ކުރެއްވި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން / ފައިލް ފޮޓޯ: ރައީސް އޮފީސް

މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށާއި، ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ގާނޫނީ ބާރުދޭ ބިލު އޮތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް ގާނޫނު އަސާސީން ލިބޭ ބާރުތައް ހަނިވާ ގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތި ފިލްޒާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ކޮމިޝަން ތަހުގީގީ ދެ އިދާރާއަކަށް ހަދައި ގާނޫނީ ބޮޑެތި ބާރުތައް ދިނުމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އެ ބިލު ވަނީ މަޖިލީހުން ބަލައިގަނެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އެ ބިލުގައި ހުރި މައްސަލަތައް ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ފިލްޒާ ފޮނުއްވި ސިޓީއެއްގައި އޭނާ ވިދާޅުވީ އެ ބިލުގައި އޮތީ ރައީސް ސޯލިހުގެ ދެ ގަރާރުގައި ކަނޑައެޅުއްވި މަސްއޫލިއްޔަތުގެ ދާއިރާއަށްވުރެ، ދެ ކޮމިޝަންތަކުގެ މަސްއޫލިއްޔަތު މާ ފުޅާކޮށް ކަމަށެވެ.

ބިލުގައި ބުނާ މުއްދަތުގެ ތެރޭގައި ހިންގާފައި ހުރި ކޮރަޕްޝަނާއި މަރުތަކުގެ މައްސަލަތކުގެ މައްޗަށް ކޮމިޝަންތައް ބާރު ހިނގާނެ ކަމަށް ބިލުގައި އޮތުމުން، ކޮމިޝަނުން ކަނޑަނާޅާ ހިނދަކު ފުލުހުންނާއި އޭސީސީއަށް އެ މައްސަލަތަކެއް ނުބެލޭނެ ކަމަށް ފިލްޒާ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެ ދެ ކޮމިޝަނަށް ރައީސްގެ ގަރާރުން ހަވާލު ކުރެވުނު މަސައްކަތް ނިމުނު ކަމުގައި ވީ ނަމަވެސް ގާނޫނުން މަތިކޮށްފައިވާ މަސައްކަތުގެ ދާއިރާ ނުނިމެނީސް އެ ދެ ކޮމިޝަން އުވާލުމުގެ ބާރު ނުވަތަ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެނައުމުގެ ބާރު ރައީސަށް ލިބިގެން ނުވާ ކަމަށް ފިލްޒާ ވިދާޅުވިއެވެ. އެހެން ކަމުން އެއީ ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިގެންވާ ބާރުތައް ވެސް ހަނިކުރެވޭނެ ގޮތަށް އޮތް ބިލެއް ކަމަށް ފިލްޒާ ވިދާޅުވިއެވެ.

ކޮމިޝަންތަކުގެ ބިލުގައި ގިނަ ކަންބޮޑުވުންތަކެއް ކައުންސިލާ ޖެނެރަލް ފާހަގަކުރެއްވިއިރު، އެ ބިލަކީ ގާނޫނު އަސާސީއާ ހިލާފަށް ފާސްކުރެވޭ ބިލެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ މެންބަރުން ވަނީ މަޖިލިސް ތެރޭ ވަނީ އިޖުތިޖާޖު ވެސް ކޮށްފައެވެ.

އެ ގޮތުން ވެރިކަން ކުރާ ކޯލިޝަންގެ މެންބަރުންގެ ވޯޓުން އެ ބިލު ފާސްކުރީ ވެސް ޕީޕީއެމް މެންބަރުން މަޖިލިސް ތެރޭ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް މިހާރު އޮތީ ރައީސް ސޯލިހުގެ ކޯލިޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލް