އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލުނުވާ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލު ބަދަލު ކުރަނީ

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ބަންޑާރަ ނައިބު އިބްރާހީމް ރިފުއަތު / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

ވަކީލު ކަމުގެ ހުއްދަ މިހާރު އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލު ނުވާނެ ގޮތަށް ގާނޫނީ ހިދުމަތުގެ ބިލު ބަދަލު ކުރަން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ބައެއް ވަކީލުންގެ ހުއްދަ ގެއްލޭ ގޮތަށް އޮތުމުން ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު މިއަދު ވިދާޅުވީ، އެއްވެސް ވަކީލެއްގެ ހުއްދަ ބާތިލު ނުވާ ގޮތަށް އެ ބިލު ބަދަލު ކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން، ޝަރީއާއިން އެކަނި ޑިގްރީ ހާސިލު ކޮށްފައިވާ ވަކީލުންނަށް ގާނޫނީ ދާއިރާއިން ޑިގްރީއެއް ހާސިލު ކުރަން ޖެހެއެވެ. އަދި އެ މުއްދަތުގައި ޑިގްރީއެއް ހާސިލު ނުކޮށްފިނަމަ، އެ މީހުންގެ ވަކީލު ކަމުގެ ހުއްދަ ބާތިލުވާނެއެވެ. އެކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ގެންދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކީލުންނަށް ފާރަވެރިވުމާ ގުޅޭ ގޮތުން ހުށަހެޅި ގާނޫނީ ހިދުމަތުގެ ބިލުގައި އޮތީ، ވަކީލުންނަށް ފާރަވެރިވެ ރެގިއުލޭޓްކޮށް ބަހައްޓަން ވަކީލުން އިންތިހާބު ކުރާ ބަޔެއްގެ މައްޗަށް އެކުލެވޭ ބާ އެސޯސިއޭޝަންގެ މުއައްސަސާއެއް ގާއިމު ކުރުމަށެވެ. އަދި ވަކީލުންގެ ހުއްދަ ދިނުމާއި، ހުއްދަ ބާތިލު ކުރުމާއި ސުލޫކީ މައްސަލަތައް ބެލުމަކީ އެ މުއައްސަސާގެ ޒިންމާއެކެވެ.

ގާނޫނު އަސާސީއާއި ގާނޫނުތައް މިހާރު އޮތް ގޮތުން، ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި އެ ވަކީލުންގެ ހުއްދަ ބާތިލު ކުރުމުގެ ބާރު އޮންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ ޝަރުއީ ކޯޓު، ސުޕްރީމް ކޯޓުގެ އަތް މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލް