ސަފީރުންގެ ގޮތުގައި އައްޔަން ކުރަން އަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވައިފި

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) އާއި ނައިބު ރައީސް ފައިސަލް ނަސީމް (ވ) / ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ފަރާތުން އދ. ގައި ހުންނާ ދާއިމީ މަންދޫބާއި ބައެއް ގައުމުތަކުގެ ސަފީރުންގެ ގޮތުގައި އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެ ގޮތުން ރާއްޖޭގެ ފަރާތުން އދ. ގައި ހުންނަވާ ދާއިމީ މަންދޫބަކަށް އަދި އެމެރިކާގެ ސަފީރަކަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވި ނަމަކީ މ. ނޫހިރި ތިލްމީޒާ ހުސައިނެވެ.

ބްރަސަލްގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ގ. ފިޔާތޮށިގެ ހަސަން ސޯބިރުގެ ނަމެވެ. ސޯބިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ސިންގަޕޫރުގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ޑރ. އަބްދުﷲ މައުސޫމެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސެވެ. އަދި އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. އަދި މަޖިލީހުގައި ކެލާ ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވިއެވެ.

ޖަރުމަންގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ހ. ސީވީޑް އަހުމަދު ލަތީފެވެ. އެއީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެއެވެ. އަދި ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި އިންތިހާބުވި ރައީސް އައްޔަން ކުރައްވާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރެއްވީ ވެސް އޭނާއެވެ.

މެލޭޝިއާގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ހ. އާޒާދުވިލީ ވިސާމް އަލީއެވެ. އެއީ ޑިއާރުޕީގެ ކުރީގެ ލީޑަރު އަދި މިހާރު އެމްޑީޕީގެ މެންބަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ.

އަވައްޓެރި އިންޑީއާގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ހ. ދޫރިހާ އާއިޝަތު މުހައްމަދު ދީދީގެ ނަމެވެ. އަވައްޓެރި ސްރީލަންކާގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ހ. ހިކިފިނިފެންމާގެ އުމަރު އަބްދުލްރައްޒާގެވެ. އިނގިރޭސި ވިލާތުގެ ސަފީރަކަށް އައްޔަން ކުރައްވަން ފޮނުއްވީ ހ. އަމީނީގެ ޑރ. ފަރަހަނާޒް ފައިސަލެވެ.

ރައީސް ސޯލިހަށް މި އަށް ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުން އެ ބޭފުޅުން އައްޔަން ކުރައްވަން ރުހުން ދިނުމުންނެވެ. އެ ގޮތުން ކޮންމެ ބޭފުޅަކަށް ވަކިވަކިން ރުހުން ދިނުމާ ގުޅޭ ގޮތުން މަޖިލީހުން ވޯޓަށް އަހާނެއެވެ.

ކިޔުންތެރިންގެ ހިޔާލް