ހާވަޑް ޔުނިވާސިޓީގެ ހާއްސަ ޝަރަފު މަލާލާއަށް!

4 ދުވަސް ކުރިން ދުނިޔެ ޢާއިޝާ ރީމާ
 
ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އެންމެ ހަގު އެކްޓިވިސްޓް މަލާލާ ޔޫސުފް ޒާއީ/ފޮޓޯ: ދަ ނޭޝަން

އެދެވޭ އިޖުތިމާއީ ބަދަލުތަކެއް ގެނެސް، އެފަދަ ކަންކަން ކުރުމަށް އެހެން މީހުންނަށް ހިތްވަރުދޭ އާދަޔާ ޚިލާފު "ލީޑަރުންނާއި" އިނޮވޭޓަރުންގެ އަގު ވަޒަންކޮށް ހާވަޑް ޔުނިވާސިޓީއިން ދެމުން އަންނަ ގްލީޓްސްމަން އެވޯޑްގެ 2018 ވަނަ އަހަރުގެ ހައްގުވެރިއަކީ، ނޮބެލް ސުލްހައިގެ އިނާމު ހާސިލުކޮށްފައިވާ އެންމެ ހަގު އެކްޓިވިސްޓް މަލާލާ ޔޫސުފް ޒާއީކަން ހާމަކޮށްފިއެވެ.

2018 ވަނަ އަހަރުގެ ގްލީޓްސްމަން އެވޯޑްގެ ހައްގުވެރިއަކަށް މަލާލާ ހޮވާފައިވަނީ، އަންހެން ކުދިންގެ ތައުލީމު ކުރިއެރުވުމަށް އޭނާ ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށްކަމަށް މައުލޫމާތު ލިބެއެވެ.

ހާވަޑްގެ ކެނެޑީ ސްކޫލުން މައުލޫމާތު ދޭ ގޮތުގައި، ރަސްމީކޮށް މި އެވޯޑް މަލާލާއާއި ހަވާލު ކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ޕާކިސްތާނަށް އުފަން މަލާލާއަކީ، ތޯލިބާނުންގެ "ވަރުގަދަ" ހަމަލާއެއް އަމާޒުވެ، ބޮޑެތި ޒަހަމްތަކަށްފަހު ހުޅަނގުން ފަރުވާ ހޯދުމަށްފަހު އަންހެން ކުދިންގެ ހައްގުގައި، ވަކީން ހާއްސަކޮށް އަންހެން ކުދިންގެ ތައުލީމުގެ ހަގުގައި ވަކާލާތު ކުރަމުން އަންނަ ޒުވާން އެކްޓިވިސްޓެކެވެ. ހާވަޑްގެ އޮފިޝަލުން ސިފަކުރައްވާ ގޮތުގައި މަލާލާއަކީ، އޭނާ ދައްކައިދެމުންދާ ނަމޫނާ ފިޔަވަޅުތިލައިގެ ފަހަތުން ފިރިހެން ކުދިންނާއި އަންހެންކުދިންވެސް ދަތުރުކުރަމުންދާ "ނަމޫނާ" އެކެވެ.

އުމުރުން 21 އަހަރުގެ މަލާލާ މިހާރު ތައުލީމު ހާސިލުކުރަމުން އަންނަނީ އިންގްލަންޑްގެ އޮކްސްފޯޑް ޔުނިވާސިޓީގައެވެ.

1993 ވަނަ އަހަރުން ފެށިގެން ހާވަޑް ޔުނިވާސިޓީއިން ދެމުން އަންނަ ގްލީޓްސްމަން އެވޯޑްގެ އަގު 125000 އެމެރިކާ ޑޮލަރަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލް