ގައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފި

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމުގެ ލިޔުން މުަހައްމަދު ރަމީޒު (މ.ކ) އަށް އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ހަވާލު ކުރައްވަނީ / ފޮޓޯ: އީސީ

"ގައުމީ ވިންދު" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

ގައުމީ ވިންދުގެ ނަމުގައި ޕާޓީއެއް އުފައްދަން އީސީން ހުއްދަ ދިނީ ގ. ރާވެހި މުހައްމަދު ރަމީޒު (އޮގަރު ރަމީޒު) އަށެވެ. ރަމީޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެކެވެ. އަދި ޕީޕީއެމްގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ގައުމީ ވިންދުގެ ނަމުގައި ޕާޓީއެއް އުފައްދަން އީސީން ހުއްދި ދިންއިރު، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިދިޔަ މަހު އީސީން ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއީލް އާސިފަށް ދީފައެވެ. އެމްޓީޑީއަށް މިހާރު ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސޮއިކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ހަ ޕާޓީއެއް މިހާރު ރަޖިސްޓްރީކޮށްފައި ވެއެވެ. އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި، ޖުމްހުރީ ޕާޓީ (ޖޭޕީ) އާއި، އަދާލަތު ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ.

އޭގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ހިންގަމުންދާ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީއާއި ޖޭޕީއާއި، އަދާލަތު ޕާޓީއެވެ.

ކިޔުންތެރިންގެ ހިޔާލް