މާލޭގައި ހާލުގައި ޖެހުނު މީހުންނަށް ޔުނިވާސަލްއިން ތިންލައްކަ ރުފިޔާ ހަދިޔާކޮށްފި

4 ދުވަސް ކުރިން ވިޔަފާރި މުހައްމަދު އުސާމް
 
ޔުނިވާސަލްއިން ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވާން ތިން ައްކަ ރުފިޔާ ހަވާލު ކުރަނީ

މާލެއަށް އިއްޔެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމެޓުން ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ޔުނިވާސަލްގެ ބައެއް އޮފިޝަލުން މިއަދު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ވަޑައިގެން، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ހަދިޔާ ކުރި ފައިސާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓާ ހިސާން ހަސަންއާ ހަވާލުކުރައްވާފައެވެ.

އެކަމާ ގުޅޭ ގޮތުން މީޑިއާތަކާ މައުލޫމާތު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އެކި ފަރާތްތަކުން ދޭ ފައިސާ މީޑިއާއަށް ހާމަކުރަނީ ލިބުނީ ކިހާ ފައިސާއެއް ކަމަށާއި، އެހީތެރިވީ ކޮންކޮން ބައެއް ކަން ރައްޔިތުންނަށް އެންގުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ، ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ލިވޭ ފައިސާ ހަރަދު ކުރާނެ ގޮތް ވެސް ފަހުން އެ ސެންޓަރުން ހާމަކުރާނެ ކަމަށެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ދިރާގުން ވެސް ވާނީ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ވެސް ބައެއް އަމިއްލަ ވިޔަފާރިތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މެޓް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މާލެއަށް އިއްޔެ ވަނީ 223.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ ތެރޭގައި މާލެއަށް އެންމެ ގިނައިން ވިއްސާރަކުރި ފަހަރެވެ. ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށާއި ބައެއް ވިޔަފާރިތަކުގެ އިތުރުން މަގުތަކުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލް