ހޯރަ އިއްބެ މިނިވަން ކުރީ އެމްޑީޕީ މީހެއް ވީމަ: ނިހާން

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ކުރެއްވި އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމުން އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އެ ކަމަށް ފާޑުވިދާޅުވެއްޖެއެވެ.

ހޯރަ އިއްބެއަކީ އެމްޑީޕީ އުފެދުނީއްސުރެން އެ ޕާޓީގެ ޖަލްސާގައި ބައިވެރިވާ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަރަށް އަރިސް ބޭފުޅެކެވެ.

ހޯރަ އިއްބެ މިއަދު މިނިވަން ކުރުމާ ގުޅިގެން ނިހާން ވިދާޅުވީ، އިއްބެ މިނިވަން ކުރަން ސަރުކާރަށް "އޯކޭ" ވީ އޭނާއަކީ އެމްޑީޕީގެ އެކްޓިވިސްޓަކަށް ވުމުން ކަމަށާއި، މިހާރު އެ އޮތީ "ބޮޑުކެކުރި ކުޑަކެކުރި" ގެ އިންސާފު ކަމަށެވެ.

"އެމްޑީޕީ ވީމާ އޯކޭ ވާނެ، އެހެން ޕާޓީއެއްގެ މީހެއް ނަމަ އެ މީހަކު ނިސްބަތްވާ އާއިލާގެ މީހަކަށް ވެސް ނޭވާ ލެވުނަ ނުދޭނެ އެމްޑީޕީ އެކްޓިވިސްޓުން،" ނިހާން ވިދާޅުވިއެވެ.

ހޯރަ އިއްބެގެ އަދަބު ލުއިކޮށްދެއްވައި، އޭނާ މިނިވަން ކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން ދީފައިވާ ލަފައަށް ރިއާޔަތްކޮށް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވިއެވެ. އިއްބެގެ އަދަބު މައާފު ކޮށްދެއްވަން ރައީސް ނިންމެވީ ހުކުމުގެ ފަސް އަހަރު ބާކީ އޮށްވައެވެ.

އެކަމާ ގުޅިގެން ގިނަ އަދަދެއްގެ މީހުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ކަމާ ނުހުން ފާޅުކުރަމުންދާ ގިނަ އަދަދެއްގެ މީހުން ބުނަމުންދާ ގޮތުގައި، އެމްޑީޕީގެ އެކްޓިވިސްޓަކަށްވުމުން ބަދު އަހުލާގީ އަމަލު ހިންގުން ވެސް އަދައިގެ ކުށަކަށްވީއެވެ.

ޑިސެމްބަރު، 2012 ގައި ހޯރަ އިއްބެ ހައްޔަރު ކުރީ 17 އަހަރުގެ އަންހެން ކުއްޖަކާއެކު ކޮޓަރިއެއްގައި ތިއްބައެވެ. އިއްބެ ފަހުން ވަނީ އެ ކުއްޖާއާ ކައިވެނިކޮށް، އެ ކައިވެންޏަށް ދަރިއަކު ވެސް ވަނީ ލިބިފައެވެ. އިއްބެގެ މައްޗަށް ހުކުމް ކުރީ އެ ކައިވެންޏަށް 10 މަސް ވީ ފަހުންނެވެ.

އިއްބެ މިނިވަން ކުރުމުން ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އިއްބެގެ އަންހެނުން ޒުއްރިއްޔާ އަބްދުލްޝުކޫރު އިއްޔެ ބުނީ އިއްބެގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އިސްލާމީ ޝަރީއަތުން އެ މީހުންނާ މެދު ދޭންވީ އަދަބެއް ދޭންވީ ކަމަށާއި، ނަމަވެސް އިއްބެއާ މެދު ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި އިއްބެއަކީ އެއްވެސް އިރެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށް އުޅުނު މީހެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލް