އެއްވެސް ސަރުކާރަކުން ގަސްދުގައި ފެން ނުހިންދާ ނުތިބޭނެ: ނިހާން

4 ދުވަސް ކުރިން ސިޔާސީ މުހައްމަދު އުސާމް
 
ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން / ފައިލް ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

ބޯކޮށް ވާރޭވެހި މަގުތައް ފެންބޮޑުވާނަމަ، އެއްވެސް ސަރުކާރަކުން ގަސްދުގައި ފެން ނުހިންދާ ނުތިބޭނެ ކަމަށް، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވުމާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިރި ޖަޒީރާ ރަށްތަކަށް ބޯކޮށް ވާރޭވެހިއްޖެނަމަ ވަގުތު ކޮޅަކަށް ފެންބޮޑުވާނެ ކަމަށާއި، އެއީ އެއްވެސް ވެރިޔެއްގެ ކުށެއް ނޫން ކަމަށެވެ.

"ފުރާނައަށް ނުކުރައްވާ ނުވާނަމަ ކެތްތެރި ކަމާއެކު ފެން ހިންދަން ދެން ޝަކުވާ ނުކޮށް މަޑުކޮށްލުން ކީއްތޯ؟ އެއްވެސް ސަރުކާރަކުން ގަސްތުގައި ފެން ނުހިންދާ ނުތިބޭނެ،" ނިހާން ވިދާޅުވިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މާލެއަށް އިއްޔެ ހެނދުނުން ފެށިގެން ރޭގަނޑަށް 223.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. މެޓް އޮފީހުގެ ހިސާބުތައް ދައްކާ ގޮތުން އެއީ މިހާތަނަށް މާލެއަށް ދުވަހެއްގެ މަތިން އެންމެ ގިނައިން ވާރޭ ވެހުނު ފަހަރެވެ. ނަމަވެސް ރާއްޖޭގެ ރަށަކަށް އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ނޮވެމްބަރު 24، 2015 ގައި ސ. ގަމަށް 228.4 މިލިމީޓަރުގެ ވާރޭ ކަމަށް ހިސާބުތައް ދައްކައެވެ.

މި ފަހުގެ ތާރީހެއްގައި މާލޭގެ މަގުތަކުގެ ފެން ބޮޑުނުވާ މިންވަރަށް މިއަދު ފެންބޯޑުވުމާ ގުޅިގެން، ގޭގެއަށާއި ބައެއް ވިޔަފާރިތަކަށް ވަނީ ގެއްލުންވެފައެވެ. އެ ގޮތުން 160 އާއިލާއަކަށް ވަނީ އެ ކަމުގެ އަސަރުކޮށްފައެވެ. އޭގެ އިތުރުން، މަގުތައް މަތީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ގެއްލުން ލިބިފައި ވެއެވެ.

ހާލުގައި ޖެހުނު އާއިލާތަކަށް، ބައެއް އަމިއްލަ ވިޔަފާރިތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލް