ސައިކަލުތައް ސާވިސް ކުރަން ލިޓަސް ކައިރީ ދިގު ކިއޫއެއް

11:00 އާ ހަމައަށް 50 އަށް ވުރެ ގިނަ ސައިކަލު ވަނީ ކިއޫއަށް އަރުވާފައި

5 ދުވަސް ކުރިން ވިޔަފާރި މުހައްމަދު އުސާމް
 
ލިޓަސް ސާވިސް ސެންޓަރު ކައިރީގައި ކިއޫއަށް އަރުވާފައިވާ ސައިކަލުތައް / ފޮޓޯ: އާމިނަތު ނުހާ | ދަޕްރެސް

މާލެއަށް އިއްޔެ ކުރި ވިއްސާރަގައި މަގުތައް ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ސައިކަލުތަކަށް ހިލޭ ސާވިސްކޮށްދޭން ލިޓަސްއިން ނިންމުމުން، ލިޓަސް ސާވިސް ސެންޓަރު ކައިރީގައި ދިގު ކިއޫއެއް ދަމާލައިފިއެވެ.

ލިޓަސް ސާވިސް ސެންޓަރު މިއަދު ހެނދުނު 8:00 ހާއިރު ހުޅުވުމާއެކު ސެންޓަރު ކައިރިއަށް ގިނަ އަދަދެއްގެ ސައިކަލުތައް ސާވިސް ކުރަން އައިސް ކިއޫގައި ތިއްބެވެ.

ލިޓަސްގެ މާކެޓިން މޭނެޖަރު އާސިފު ރަޝީދު މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 11:00 ވީއިރު، 50 އަށް ވުރެ ގިނަ ސައިކަލު ސާވިސް ކުރަން ސެންޓަރު ކައިރީ ކިއޫއަށް އަރުވާފައި ވެއެވެ.

އާސިފު ވިދާޅުވީ، ސައިކަލުތައް ސާވިސް ކުރުމުގެ މަސައްކަތުގައި ލިޓަސްގެ ހުރިހާ މެކޭނިކުން މިއަދު މަސައްކަތް ކުރާނެ ކަމަށާއި، އެ ގޮތުން 20 މެނޭކެނިކުން ހަރަކާތްތެރިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއަދު ގާތްގަނޑަކަށް 70 އަށްވުރެ ސައިކަލު ސާވިސް ކުރެވޭނެ ކަމަށް ބެލެވެއެވެ.

އާސިފު އިތުރަށް ވިދާޅުވީ، ލިޓަސްއިން ސާވިސް ކޮށްދެމުން ދަނީ ވަކި އަދަދަކަށް ނޫން ކަމަށާއި، މިރޭ 10:00 ޖަހަންދެން ލިޓަސްއަށް އަންނަ ސައިކަލުތަކަށް ހިލޭ ސާވިސް ކޮށްދެމުން ދާނެ ކަމަށެވެ. ނަމަވެސް ހިލޭ ސާވިސް ކޮށްދެނީ ފެނުގެ ސަބަބުން ގެއްލުންވި ސައިކަލުތަކަށް ކަމަށް ވިދާޅުވިއެވެ.

ލިޓަސް ސާވިސް ސެންޓަރު ހުންނަނީ ގަލޮޅު ރަސްމީ ދަނޑު ކުރިމައްޗަށް ހުންނަ ހަދީބީ މަގުގައެވެ.

މެޓް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމަށް މާލެއަށް 223.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. އަދި އެއީ މިހާތަނަށް މާލެއަށް އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ފަހަރެވެ.

ފަހުގެ ތާރީހެއްގައި މާލޭގެ މަގުތައް ފެންބޮޑުނުވާ މިންވަރަށް އިއްޔެ ފެންބޮޑުވުމާ ގުޅިގެން، މަގުތައް މަތީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ގެއްލުންވެފައިވާއިރު، ގޭގެއަށާއި ބައެއް ވިޔަފާރިތަކަށް ވެސް ގެއްލުން ވެފައި ވެއެވެ. އެ ގޮތުން 160 އާއިލާއަކަށް އެ ކަމުގެ އަސަރުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލް