ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުން މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް، މާލެ އެކި އަވަށްތަކުގެ ރައްޔިތުންނާ، ބައްދަލުކުރެއްވުމަށް ބައްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުންކަމުގައި ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިރޭ ހުޅުމާލޭ ފޭސް2 ގެ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން ކުރިއަށްދާނީ 20:30 ގައި ސަލާހުއްދީން ސްކޫލްގައިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން މި ބައްދަލުވުމަށް ސަރުކާރުގެ ފަރާތުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތުދީފައެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަން އަންނައިރު، ރައީސް ވަނީ މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އެއްސަވާ، މަޝްވަރާކުރެއްވުމަށް ރޭ އެމަނިކުފާނު ވަނީ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނު އިރު އެ މަނިކުފާނު ވަނީ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރަކުރައްވާފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.