ސިޔާސީ ކޯޅުންގަނޑު ހަފުތާއެއްގެ ތެރޭގައި ނިންމާނަން: ސިރިސޭނާ

5 ދުވަސް ކުރިން ދުނިޔެ ޢާއިޝާ ރީމާ
 
ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ/ފޮޓޯ: ރޮއިޓާޒް

ސްރީލަންކާގައި މިހާރު ހިންގަމުންދާ ސިޔާސީ ކޯޅުންގަނޑު ހަފުތާއަކަށްވުރެ ދިގުލައި ނުދާނެ ކަމަށް ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާ މިހެން ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

ސްރީލަންކާގައި ސިޔާސީ ކޯޅުންތަކެއް އުފެދި، އާންމު މަސްރަހު ހަލަބޮލިވެފައިވަނީ، ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނީލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވާ، އެ މަގާމަށް، ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ހަމަޖެއްސެވުމަށް އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ސިރިސޭނާ ނިންމެވުމާއި ގުޅިގެންނެވެ.

ސްރީލަންކާގައި ހިންގަމުންދާ ސިޔާސީ ކޯޅުންތައް ހަފުތާއަކަށްވުރެ ގިނަ ދުވަހަށް ދެން ދިގުލައިގެން ނުދާނެ ކަމަށް ސިރިސޭނާ ވިދާޅުވެފައި މިވަނީ، ބޮޑުވަޒީރު ކަމުގެ މަސްއޫލިއްޔަތުން ރާޖަޕަކްސަ އެއްފަރާތްވެވަޑައިގަތުމަށް ސްރީލަންކާގެ ކޯޓަކުން ވަގުތީ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ރާޖަޕަކްސަވަނީ ސްރީލަންކާގެ ސުޕްރީމް ކޯޓުގައި މިމައްސަލަ އިސްތިއުނާފުކޮށްދެއްވުމަށް އެދިވަޑައިގެން އެކަމަށް ހުށަހަޅުއްވާފައެވެ.

އާންމު ކުރެއްވި ބަޔާނެއްގައި ސިރިސޭނާ ވިދާޅުވީ، އެމަނިކުފާނުގެ ކޮންމެ ނިންމެވުމަކީވެސް ސްރީލަންކާގެ ގައުމާއި އެ ގައުމުގެ ރައްޔިތުންގެ މަސްލަހަތުގެ ހައްގުގައި ނިންމަވާ ނިންމެވުންތަކެއް ކަމަށެވެ.

ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ (ކ) އަދި ބޮޑުވަޒީރު ކަމުގެ މަގާމުން ދުރުކުރައްވާފައިވާ ރަނީލް ވިކްރަމަސިންހަ/ފޮޓޯ: އޭޝިއާ ނިއުސް

މި ދަނޑިވަޅަކީ ސިރިސޭނާއާއި ވިކްރަމަސިންހައާއި ދެބޭފުޅުން ބަހުގެ ވާރުގަދަ ހަމާލާތަކެއް ދެއްވަމުން ގެންދަވާ ދަނޑިވަޅެކެވެ. އެގޮތުން ވިކްރަމަސިންހަގެ ސްރީލަންކާގެ ޔުނައިޓަޑް ނޭޝަނަލް ޕާޓީ (ޔޫ.އެން.ޕީ) އަކީ އިންތިހާބު ދެކެ ބިރު ގަންނަ ޕާޓީއެއް ނޫންކަމަށާއި، އެ ޕާޓީ އޮތީ އިންތިހާބަކާއި ކުރިމަތިލާން ތައްޔާރަށް ކަމަށް ވިކްރަމަސިންހަ ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅުގައި ރާޖަޕަކްސަވަނީ ސްރީލަންކާގައި އަވަސް އާންމު އިންތިހާބެއް ބޭއްވުމަށް ގޮވާލައްވާފައެވެ. ނަމަވެސް މިއަށް ރައްދުދެއްވާ ވިކްރަމަސިންހަ ވަނީ، ފެންނަ ނުފެންނަ ވޯޓުފަދަ އިންތިހާބުތަކުގެ ނާޖާއިޒް ފައިދާ ނެންގެވި ހިޓަލު ފަދަ ޚުދުމުޚުތާރު އަނިޔާވެރި ވެރިންގެ ތެރެއިން ވެރިއަކަށް ނުވުމަށް ގޮވާލައްވާފައެވެ. ސިރިސޭނާ ސިފަކުރައްވާ ގޮތުގައި ވިކްރަމަސިންހައަކީ "ގޮތްދޫނުކުރާ"، "ބޯހަރު" ބޭފުޅެކެވެ.

ކަންމިހެންއޮތްއިރު، ބޮޑުވަޒީރު ކަމުގެ މަގާމުގައި ބަހައްޓަވަން ސިރިސޭނާ ބޭނުންފުޅުވެވަޑައިގަންނަވާ ރާޖަޕަކްސަގެ މައްޗަށް އިތުބާރު ނެތްކަމަށް ވިކްރަމަސިންހަގެ އަޣުލަބިއްޔަތު އޮންނަ ގާނޫނު ހަދާ މަޖިލީހުން ވަނީ ދެ ފަހަރެއްގެ މަތީން ވޯޓު ދެއްވާފައެވެ. ތިންވަނަ ވޯޓަކަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ފެންމަތިވެފައިވާއިރު، 3 ވަނަ ފަހަރުވެސް އިތުބާރު ނެތްކަމަށް މަޖިލީހުން ނިންމަވައިފިނަމަ، ބޮޑުވަޒީރު ކަމުގެ މަގާމަށް އިތުރު ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވަން ސިރިސޭނާއަށް ޖެހިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލް