އެންމެ ފަހު ދުވަސްކޮޅުވެސް ބައްޕާފުޅު ދެއްވީ އިރުޝާދު: ބުޝް

5 ދުވަސް ކުރިން ދުނިޔެ ޢާއިޝާ ރީމާ
 
އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝް، ބައްޕާފުޅުގެ ރަސްމީ ޖަނާޒާގައި ވާހަކަފުޅު ދައްކަވަނީ /ފޮޓޯ: އޭއެފްޕީ

ހަޔާތުގެ އެންމެ ފަހު ދުވަސްކޮޅުވެސް ބައްޕާފުޅު ދެއްވީ އިރުޝާދު ކަމަށާއި، އެ ބައްޕާފުޅަކީ ވަރުގަދަ އަސްކަރީ ޝަހުސެއްގެ އިތުރުން ދައުލަތަށް ގިނަ ޚިދުމަތްތެރިއެއް ކަމަށް އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝް ވިދާޅުވެއްޖެއެވެ.

ބައްޕާފުޅު އަދި އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ރަސްމީ ޖަނާޒާގައި ވާހަކަފުޅު ދައްކަވަމުން، ދަރިކަލުން، ޖޯޖް ޑަބްލިއު ބުޝް ވިދާޅުވީ، ބައްޕާފުޅު ދަސްކޮށްދެއްވީ އަބުރުވެރިކަމާއިއެކު ހަމްދަރުދީކަމަށާއި، ބައްޕާފުޅަކީ ވަރަށް "މާތް" މީހެއް ކަމަށެވެ. ކީރިތި ކުރައްވަމުން ބުޝް އިތުރަށް ވިދާޅުވީ، ޖޯޖް އެޗް ޑަބްލިއު ބުޝްއަކީ ފިރިހެން ދަރިއަކަށްވެސް އަދި އަންހެން ދަރިއަކަށްވެސް ލިބޭނެ އެންމެ ފުރިހަމަ ބައްޕަ ކަމަށެވެ.

އުމުރުފުޅުން 94 އަހަރުގައި މިދިޔަ ހުކުރު ދުވަހު ބުޝް އަވަހާރަވުމާއިއެކު އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ ވިދާޅުވީ، ގައުމަށް ގެއްލިދިޔައީ، ގައުމު ދެކެ އިންތިހާއަށް ލޯބިވާ އަގުހުރި ދަރިއެއް ކަމަށެވެ.

ބުޝްގެ ޖަނާޒާއާއި ދިމާކޮށް ބުދަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށާއި، ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމެރިކާގައި ވަނީ ކަނޑައަޅާފައެވެ.

ބުޝް ފަސްދާނުވެޑުވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. ބުޝް ފަސްދާނުވަޑުވާނީ، ޓެކްސަސް އޭ އެންޑް އެމް ޔުނިވާސިޓީގައި އޮންނަ ޕްރެޒިޑެންޝަން ލައިބްރަރީ ގްރައުންޑްސްގައި ބުޝްގެ އާއިލާއަށް ހާއްސަ ކުރެވިފައިވާ ސަރަހައްދުގައި، މިއަހަރުގެ އޭޕްރިލް މަހު އަވަހާރަވެފައިވާ އަނބިކަނބަލުން ބާބްރާ ބުޝް އާއި، 1953 ވަނަ އަހަރު ލޭގެ ކެންސަރު ބަލީގައި އުމުރުފުޅުން އެންމެ 3 އަހަރުގައި އަވަހާރަވީ ދަރިކަނބަލުން ރޮބިން ބުޝްގެ މަހާނަފުޅު ކައިރީގައެވެ.

ކިޔުންތެރިންގެ ހިޔާލް