ދުނިޔޭގެ އެންމެ ވަރުގަދަ 4 ރައީސުން އެއް ބެންޗަށް!

5 ދުވަސް ކުރިން ލައިފްސްޓައިލް ޢާއިޝާ ރީމާ
 
އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ރަސްމީ ޖަނާޒާގައި އެމެރިކާގެ ހަތަރު ރައީސުން އެއް ބެންޗެއްގައި/ފޮޓޯ: ރޮއިޓާޒް

މި 4 ބޭފުޅުންނަކީ އެކު ޖުމުލަ 22 އަހަރުގެ މުއްދަތަކަށް ވައިޓް ހައުސް ހިއްސާކުރެއްވި ބޭފުޅުންނެވެ. މިއަދު އެބޭފުޅުން އެތިއްބެވީ، އެ ބޭފުޅުން ފަދައިން ވައިޓްހައުސްގައި ދިރިއުޅުއްވުން ހިއްސާކުރެއްވި އިތުރު ބޭފުޅަކަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމަށްޓަކައި އެއް ބެންޗެއް ހިއްސާކުރައްވައިގެންނެވެ. މި ދަންނަވަނީ، އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ ރަސްމީ ޖަނާޒާގައި އެމެރިކާގެ ހަތަރު ރައީސުން އެއް ބެންޗެއްގައި ތިއްބަވާތީ ފެނިގެންދިޔަ މަންޒަރުގެ ވާހަކައެވެ.

ކޮންމެ ގައުމަކަށް ބަލާލި ކަމުގައި ވީނަމަވެސް، "އެހާރާއި މިހާރު" ގެ ރައީސުން އެއްތަނަކުން ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. ނަމަވެސް، ރައީސަކާއި ގުޅުންހުރި އާދަޔާ ޚިލާފު ކަމެއްގެ ސަބަބުން މި ކަހަލަ ކަމެއް ނުހިނގަނީކީވެސް ނޫނެވެ. މިފަހަރުވެސް ހަމަ އެފަދަ ކަމެކެވެ.

1989 ވަނަ އަހަރުން 1993 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ ކޮމާންޑާ އިން ޗީފްގެ މަގާމުގައި ހުންނެވި "ބައްޕަ ބުޝް"ގެ ޖަނާޒާގެ އެންމެ ކުރީ ސަފުގައި ތިއްބެވީ، އެމެރިކާގެ 39 ވަނަ ރައީސް ޖިމީ ކާޓާގެ ދެކަނބަލުންނާއި، 42 ވަނަ އަރީސް ބިލް ކްލިންޓަންގެ ދެކަނބަލުންނާއި، 44 ވަނަ ރައީސް ބަރާކް އޮބާމާގެ ދެކަނބަލުންގެ އިތުރުން މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދެކަނބަލުންނެވެ. ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ، ބައްޕާފުޅުގެ ޝަރަފުގައި، 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝްވެސް އެ މާލަމުގައި ހުންނެވި ކަމެވެ.

އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްއަށް މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދެ ކަނބަލުން އެންމެ ފަހުގެ އިހުތިރާމް އަދާކުރައްވަނީ /ފޮޓޯ: އޭބީސީ ނިއުސް

ޖަނާޒާގެ ރަސްމިއްޔާތަށް އެންމެ ލަހުން ވަޑައިގެންނެވީ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްއެވެ. ދެން ފެނިގެންދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. ޓްރަމްޕްގެ އަމަލުފުޅުތައް ހުރި ގޮތުން ދުވަހަކުވެސް ޓްރަމްޕްއަށް މައާފުނުކުރައްވާނެ ކަމަށް ވިދާޅުވި، އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާވެސް ޓްރަމްޕްއަށް "ސަލާމް ވެދުން" ކޮށްލެއްވި މަންޒަރެވެ. މިއީ ދެޕާޓީއަކާއި ދެ ފިކުރެއްގެ ބޭފުޅުންގެ މިޒާޖު ހުރި ގޮތެވެ.

ކަންމިހެން އޮތްނަމަވެސް، ޓްރަމްޕްއާއި ކްލިންޓަންގެ ދެކަނބަލުން ސަލާމް ކުރައްވާތީ ފެނިފައެއް ނުވެއެވެ. ފަހަރުގައި، ޓްރަމްޕްއާއި ހިލަރީގެ ރިޔާސީ ރޭހުގެ ހޫނު ކޯޅުންގަނޑަށް އަދިވެސް ފިނިކަމެއް ނުލިބެނީކަމަށްވެސް ވެދާނެއެވެ. ހިލަރީއާއި ޓްރަމްޕް ހަތަރުކަޅި ހަމަވެދާނެ ގޮތަކަށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބައްލަވާވެސް ނުލައްވައެވެ. މިއީ އެމެރިކާޔެގެ ރިޔާސަތާއި ޓްރަމްޕް ހަވާލުވެވަޑައިގެންނެވި ފަހުން މި ދެބޭފުޅުން އެއްތަނަކުން މިހާ ގާތުން "ބައްދަލުވެވަޑައިގެންނެވި" ފުރަތަމަ ފަހަރެވެ. ނަމަވެސް މިހާރުގެ ފަސްޓް ލޭޑީ މްލޭނިއާ ޓްރަމްޕްއާއި ބިލް ކްލިންޓަން ވަނީ ސަލާމް ކުރައްވާފައެވެ. އަދި އިޝާރާތުގެ ސަލާމެއް، ހިލަރީއާއި ކުރެއްވިއެވެ. ޖަވާބުގައި ހިލަރީވެސް އިސްތަށިފުޅުން އިޝާރާތެއް ކުރެއްވިއެވެ.

1994 ވަނަ އޮތް ކުރީގެ ރައީސް ރިޗާޑް ނިކްސަންގެ ޖަނާޒާގައި އެމެރިކާގެ ރައީސުން އެއް ސަފެއްގައި/ފޮޓޯ: ގެޓީއިމޭޖަޒް

މާލަމަށް ދެންވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އަވާހަރަވީ "ބައްޕަ ބުޝް"ގެ ދަރިކަލުން އަދި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްއެވެ. ބުޝް ވަނީ ކުރީ ސަފުގައި ތިއްބެވި 4 ލީޑަރުންނާއި އެބޭފުޅުންގެ އަނބިކަނބަލުންނާއިވެސް ސަލާމް ކުރައްވާފައެވެ. އަދި މިޝޭލް އޮބާމާގެ އަތްޕުޅަށް ކޮންމެވެސް އެއްޗެއް ދެއްވާތީވެސް ފެނިގެންދިޔައެވެ. ޖޯން މެކެއިންގެ ޖަނާޒާގައިވެސް ބުޝްވަނީ އެފަދަ ކަމެއް ކުރައްވާފައެވެ. އެފަހަރު ބުޝް މިޝޭލްއަށް ދެއްވީ މެޓައެއް ކަމަށްވެއެވެ.

ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ބުޝްއާއި ޓްރަމްޕްގެ އާއިލާއަކީވެސް އެއްގަލަކަށް އާރާ ދެ އާއިލާއެއް ނޫންކަމެވެ. ނަމަވެސް، އެމެރިކާގެ ކުރީގެ ރައީސެއްގެ އިތުރުން، ހަނގުރާމައިގެ ޝަރަފުވެރިއެއްގެ އިއްޒަތާއި ޝަރަފަށްޓަކައި ދެ ލީޑަރުންވެސް ވަނީ އެ ހަތުރުވެރިކަން ފަރުދާކުރައްވާފައެވެ.

މިފަދަ ގޮތަކަށް އެމެރިކާގެ އިސްލީޑަރުންތަކެއް އެއް ސަފަކުން މީގެ ކުރިންވެސް ވަނީ ފެނިފައެވެ. އެގޮތުން 1991 ވަނަ އަހަރު ރޮނާލްޑް ރޭގަން ޕްރެޒިޑެންޝަލް ލައިބްރަރީ ހުޅުވި ހަފުލާއާއި، 1994 ވަނަ އަހަރު އޮތް ކުރީގެ ރައީސް ރިޗާޑް ނިކްސަންގެ ޖަނާޒާއާއި، 2017 ވަނަ އަހަރު ޓެކްސަސްގައި ކުރިއަށްދިޔަ ހަރިކޭން ރިކަވަރީ އެފަޓްސް ފާހަގަކޮށްލެވެއެވެ.

އަދިވެސް ހާއްސަކަމެއް އެބައޮތެވެ. 1977 ވަނަ އަހަރު އެމެރިކާގައި ނައިބު ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންވަނީ، އެމެރިކާގެ އެންމެ ޝަރަފުވެރި އެއް ރައީސްގެ ގޮތުގައި އެ ގައުމު ސިފަކުރަމުން އަންނަ ޖޯޖް އެޗް ޑަބްލިއު ބުޝްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލް