ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ދިރާގުން ދެލައްކަ ރުފިޔާ ހަދިޔާކޮށްފި

5 ދުވަސް ކުރިން ވިޔަފާރި މުހައްމަދު އުސާމް
 

މާލެއަށް މިއަދު ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިރާގު ކުންފުނިން ވަނީ ނޭޝަނަލް ޑިސާސްޓާ މެނޭޖުމަންޓް ސެންޓަރަށް ދެ ލައްކަ ރުފިޔާ ހަދީޔާ ކޮށްފައެވެ.

ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު މިރޭ ވަނީ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައި ވާ ކްރައިސިސް ރިލީފަށް އޮފީހަށް ފައިސާގެ އެހީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލު ކުރައްވާފައެވެ.

ދިރާގުން ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާއިރު، ރާއްޖޭގައި ވިޔަފާރި ކުރަމުން ގެންދާ އެކި ކުންފުނިތަކުން ގެންދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެ ގޮތުން، ހާލުގައި ޖެހުނު ފަރާތްތަކަށް އެސްޓީއޯއިން ވަނީ ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައެވެ. ކަރަންޓު ކެނޑިފައިވާ ގެތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކުރިއެވެ. ފެން ބޮޑުވުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސައިކަލުތަކަށް ހިލޭ ސާވިސް ކޮށްދޭން ލިޓަސްއިން ވަނީ ނިންމާފައެވެ.

ބައެއް ކުންފުނިތަކުން ވަނީ ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފަށް ބައެއް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން އެލިއާ ކޮންސްޓްރަކްޝަންސް އިން ނުވަ ޕަމްޕް އެމްއެންޑީއެފަށް ހަދިޔާކުރިއިރު، އަމީން ކޮންސްޓްރަކްޝަންސްއިން ތިން ޕަމްޕް ހަދިޔާ ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

މި ފަހުގެ ތާރީހެއްގައި މާލޭގެ މަގުތަކުގެ ފެން ބޮޑުނުވާ މިންވަރަށް މިއަދު ފެންބޮޑުވުމާ ގުޅިގެން، ގޭގެއަށާއި ބައެއް ވިޔަފާރިތަކަށް ވަނީ ގެއްލުންވެފައެވެ. އެ ގޮތުން 160 އާއިލާއަކަށް ވަނީ އެ ކަމުގެ އަސަރުކޮށްފައެވެ. އޭގެ އިތުރުން މަގުތައް މަތީގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ގެއްލުންތަކެއް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލް