އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް އާސަންދަ ސްކީމްގެ ދަށުން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދަ އިން ވަކި ޕަސެންޓެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. ނަފްސާނީ ދުޅަހެޔޮ ކަން ކަށަވަރުވުމަކީ އިންސާނީ ހައްގެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަފްސާނީ ބަލި ބައްޔަށް ބޭސް ފަރުވާ ކުރުން އާސަންދައިން މީގެ ކުރިން ކަވަރު ނުކުރާ ކަމަށާއި އެކަން ނިމުމަކަށް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށްވަރުކޮށް ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް 1 ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިސް ރަށްވެހިންނަށް ހާއްސަކޮށްގެން ކަންކަން ރާވާފަިއވާ ކަމަށާއި އަންހެނުންގެ ތަރައްގީ އަށާއި އަންހެނުން ބާރުވެރި ކުރުމަށް ވެސް ގިނަ ަމސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންގެ ތެރެއިން މިހާތަނަށް 101 ކުއްޖަކަށް އާއިލާ ހޯދައި ދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ އިޖްތިމާއީ ކަންކަން ރަނގަޅުކޮށް މި މުޖުތަމައުގައި ހުރި ކަންކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
