މައިމީހާގެ ފަރާތުން ތުއްތު ދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން 3 ބައްޔެއް ނައްތާލެވުނު ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ލިބުނު ތާރީހީ ބޮޑު ކާމިޔާބެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއީ ސިއްހީ ހިދުމަތްތެރިންނާއި މިކަމަށްޓަކައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ހާސިލުކުރެވުނު ކަމެއް ކަމަށާއި، އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރާއްޖެއިން ނައްތާލެވުނު ކަމަށް ވޯލްޑް ހެލްޓް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ 3 ބައްޔަކީ:
- އެޗްއައިވީ
- ސިފިލިސް
- ހެޕިޓައިޑިސް ބީ
ފާހަގަކުރެވޭ ގޮތުގައި މީގެކުރިންވެސް ރާއްޖެއިންވަނީ އެޗްއައިވީއާއި ސިފިލިސް ނައްތާލާފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑާއެއްގޮތަށް 3 ބަލި އެއްކޮށް ނައްތާލެވުނު މިއީ ފުރަތަމަ ފަހަރެވެ.
ރާއްޖެއިން މީގެކުރިންވެސް ކާމިޔާބު ކަމާއެކު ވަނީ ތަފާތު އެކި ބަލިތައް ނައްތާލާފައެވެ. އެގޮތުން މެލޭރިއާއާއި ހިމަބިހި އަދި ލިންފަޓިކް ފައިލޭރިއާސިސް އަކީ ރާއްޖެއިން ނައްތާލެވިފައިވާ ނުރައްކާތެރި ބަލިތަކެވެ.