އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާ ރުޅާލުމުގައި ބޭނުންކޮށްފައިވާ ދުރަށް އަޑު ފޮނުވާ އާލާތް، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

އެޗްއާރްސީއެމްގެ ޕީއާރް އޮފިސަރު، މުހައްމަދު ނާޝިދު ހަސަން ވިދާޅުވީ މި ވެެޕަން ބޭނުންކުރި މައްސަލަ އެ ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން ބެލުނަށް ނިންމާފައިވާކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ފުލުހުން އެލްއާރުއޭޑީ ބޭނުންކުރުމާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުން 2013 ވަނަ އަހަރުން ފެށިގެން މި ޑިވައިސް ބޭނުންކުރަމުންދާކަމަށާއި، އޭރު ފުލުހުންގެ އުޅަނދެއްގައި ހަރުކޮށްގެން އެލްރެޑް ބޭނުންކުރީ އެސްއޯ ފުލުހުން ކަމަށެވެ. އަދި އޭރު ބޭނުން ކުރީ އެލްރެޑް 300 އެކްސް މޮޑެލްއެއް ކަމަށެވެ. މީގެ އިތުރުން އިހްސާން ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ބޭނުންކޮށްފައިވަނީ އެލްރެޑް 100 އެކްސް މޮޑެލްއެއް ކަމަށާ މިމޮޑެލްވެސް 2023 ވަނަ އަހަރު މޭއި މަހު ބޭއްވި މުޒާހަރާއެއް ރޫޅާލަންވެސް ފުލުހުން ބޭނުންކުރިކަމަށެވެ.

މީގެއިތުރުން މި މުޒާހަރާއާއި ގުޅިގެން ފުލުހުން ވަނީ މި އެއްވުން ކުރިއަށް ގެންދިޔައީ ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ހިލާފަށްކަމަށް ބުނެފައެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި، ކުރިން އެއްބަސްވެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކޮށްފައިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފުލުހުން، ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އެއްވުންތައް ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ގާނޫނާއި ހިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އިންޒާރާއި ނަސޭހަތް ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ގާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެކަމަށެވެ.