ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލްސާނީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި އިޒްރޭލުން ގަތަރަށް ދިން ހަމަލާ ރައީސް މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވާކަމަށާއި، މި ހާދިސާގައި ޝަހީދުވި ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައިވާކަމަށެވެ.

ރައީސް ވަނީ ގަތަރަށް ދިން ހަމަލާއާއި ގުޅިގެން ސުލްހަވެރިކަން ގާއިމުކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ރައީސް ވަނީ އެމަޖެންސީ އަރަބް އިސްލާމިކް ސަމިޓު އޯގަނައިޒް ކުރުމުގައި ގަތަރުން ދިން ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވާ އަދި ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ގަތަރުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ގަތަރާއި ދެމެދުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ރައީސް މިހާރު ގަތަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ސަމިޓުގައި ރައީސް ބަޔާނެއް އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ގަތަރުގައި ތިބި ހަމާސްގެ ލީޑަރުންނަށް އިޒްރޭލުން ހަމަލާދީފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަމާސްގެ ލީޑަރުން ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބައްދަލުވުމެއް ބާއްވާފައިވަނީ އެމެރިކާގެ ސްޕެޝަލް އެންވޯއީ ސްޓީވް ވިޓްކޯފް، މިދިޔަ ހަފްތާގައި ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

އެގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި އެތައް ގޮވުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.