ނޭޕާލްގެ ސަރުކާރުގެ ކޮރަޕްޝަންއާއި އެގައުމުގައި ސޯޝަލް މީޑީއާ ބޭނުން ކުރަން މަނާކޮށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އިއްޔެ އެގައުމުގައި ކުރި މުޒާހަރާގައި ހިނގި ކުރިމަތިލުންތަކުގައި 19 މީހުން މަރުވުމާއެކު އެގައުމުގައި އަލުން ސޯޝަލް މީޑިއާ ސައިޓްތައް ބޭނުން ކުރެވޭ ގޮތަށް ހަދައިފިއެވެ.

ނޭޕާލްގެ ސަރުކާރުން މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ހެދީ އެ ސައިޓްތައް ހިންގާ ކުންފުނިތަކުން ނޭޕާލްގެ ސަރުކާރުގައި ރެޖިސްޓާ ނުވާ ކަމަށް ބުނެއެވެ.

ސޯޝަލް މީޑިއާ ބޭންކުރުމާ ޒަމާނުއްސުރެ އެގައުމުގައި އޮންނަ ކޮރަޕްޝަންގެ މައްސަލަތަކަށް އެކަށިގެންވާ ހައްލު ނުހޯދުމުގެ ސަބަބުން ނޭޕާލްގައި ވަރުގަދަ މުޒާހަރާތަކެއް ކުރި އިރު އިއްޔެ އެގައުމުގައި ބޭއްވި އެއްވުންތަކުގައި މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ.

މިގޮތުން، ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހުންނަ އެގައުމުގެ ރައްޔިތުންގެ މަޖިލީހަށް ވަންނަން މަސައްކަތް ކުރި ރައްޔިތުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ކަރު ގޭހާ ރަބަރު އުންޑަށް ބޭނުން ކުރި އިރު މި ހަމަނުޖެހުންތަކުގައި 19 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އިއްޔެގެ ހަމަނުޖެހުމަށް ފަހު ނޭޕާލް ސަރުކާރުން ބުނެފައިވަނީ މިއަދުން ފެށިގެން އެގައުމުގައި ސޯޝަލް މީޑިއާ ސައިޓްތައް ބޭނުން ކުރެވޭނެ ކަމަށެވެ. ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް ވަކި މުއްދަތެއް ނެތް ގޮތަށް އެގައުމުގައި ކާފިއުއެއް ހިންގުމަށް ނޭޕާލް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ކާފިއު އަމުރުގެ ދަށުން ސްކޫލުތަކާ ވިޔަފާރިތައް ބަންދުކޮށް އެއްވުންތައް މަނާކޮށްފައިވާ އިރު ނޭޕާލްގައި މިއަދުވެސް މުޒާހަރާ ކުރި ކަމަށް ރޮއިޓާސްއިން ވަނީ ރިޕޯޓްކޮށްފައެވެ.