ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ކ. ގުޅިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެ ރަށުގައި ހުއްޓިފައިވާ މަޝްރޫތައް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ރައީސް ވަނީ ކުރީ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެ މައްސަލައަށް ޢަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެއާއެކު ރައީސް ވިދާޅުވީ މިވަގުތުވެސް އެމްޓީސީސީގެ ޓީމު ގުޅީގައި ހަރަކާތްތެރިވަމުންދާ ދިއުމުންވެސް ދޭހަކޮށްދެނީ ކުރިން ވީހެން މިހާރު ނުވާނޭކަން ކަމަށެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކައުންސިލުން ބައްޓަން ކޮށްފައިވާގޮތަށް އިތުރު ބަދަލެއް ނުގެނެސްކަމަށެވެ. ރައްޔިތުންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނޭކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލަ ހައްލުކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފަށާ ރަށުގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަކީ މި އަހަރުގެ ބަޖެޓުގައި އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައް ކަމުގައެވެ. އަދި ގުޅިއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖުކުރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ރަށަށް ފައިދާއެއް ނުވާނޭގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލަ އެޓާނީ ޖެނެރަލާއި ޓޫރިޒަމް މިނިސްޓްރީ އާއި ރަށު ކައުންސިލުން ދިރާސާ ކުރަން ނިންމާފައިވާކަމަށާއި، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމުގައި ނިންމަވައިފިނަމަ އެކަން އެގޮތަށް ކުރުމަށް މަގުފަހި ކޮށްދެއްވާނޭ ކަމަށެވެ.
ރައީސް ގުޅިއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް އޮފީހުން ބުނީ މިއީ ރައީސްގެ މި ދަތުރުފުޅަކީ 2024 ވަނަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލު ކުރެއްވުމަށް ރައީސް ފައްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުކަމަށެވެ.