ތެލެގޫ، ތަމިލް އަދި ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ބަތަލާ ތަމަންނާ ބާޓިއާ އާއި ބޮލީވުޑްގެ ތަރި ވިޖޭ ވަރުމާ އަންނަ އަހަރު ކައިވެނިކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރު ދުވަސްވެފައިވާއިރު ދެމީހުންގެ ވިސްނުންވެސް ހުރީ އަވަސްމުސްތަގްބަލެއްގައި ކައިވެނިކުރުމަށް ކަމަށް ޚަބަރުތައް ބުނެއެވެ. ތަމަންނާ އާއި ވިޖޭ ކައިވެނީގެ ތައްޔާރީތައް ވަމުން އައި ނަމަވެސް ދެތަރިން ކައިވެނިކުރާނެ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. ބައެއް ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި މިދެތަރިން ކައިވެނި ކުރާނީ އަންނަ އަހަރު މެދުތެރޭގައެވެ.
ތަމަންނާ އާއި ވިޖޭ އެކުގައި އުޅޭކަމަށް އެންމެ ފުރަތަމަ އަޑުފެތުރެން ފެށީ މިދިޔަ އަހަރު ކުރީކޮޅު ގޮއާގައި ދެމީހުން އެކުގައި ނަގާފައި ހުރި ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އޭގެ ފަހުން މުމްބާއީ އަށް ދެމީހުން އައިސް ރެސްޓޯރަންޓު ތަކުން ބައްދަލުކުރާ ތަން ޕަޕަރާޒީންނަށް ފެނި އެކަމާމެދު ސުވާލުވެސް ކުރިއެވެ. ނަމަވެސް އޭރު ދެމީހުންވެސް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ.
ނަމަވެސް އޭގެފަހުން ދެމީހުންގެ ގުޅުމާ ގުޅޭގޮތުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ބުނީ ދެމީހުން ދިމާވީ "ލަސްޓް ސްޓޯރީސް 2" ގެ ސެޓުން ކަމަށާއި އެ ސެޓުން ދެމީހުންގެ އެކުވެރިކަން ބަދަހިވެ އެ ގުޅުން ލޯތްބަށް ބަދަލުވި ކަމަށެވެ. މިދެތަރިން ވަނީ މިދިޔަ އަހަރު ރާއްޖެ އައިސް ޗުއްޓީ ވެސް ހޭދަކޮސްފައެވެ.