މާލެއާއި ހުޅުމާލޭގައި ވައްކަން ކުރުމާއި ފޭރުން އާންމުވެފައިވާ ސަރަހައްދުތައް ޕެޓްރޯލް ކުރުމަށް ވަރަށް އަވަހަށް ފުލުހުން ނެރޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު ވިދާޅުވީ، މާލޭގެ މަގުތައް އަމާންތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ވައްކަމާއި ފޭރުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށަން ތައްޔާރު ވެފައިވާ ކަަމަށެވެ. އެގޮތުން މާލޭގެ މަގުތައް އަމާން ތަނަކަށް ހެދުމަށް އެންމެ ފުރަތަމަ ކުރަން ފެށި މަސައްކަތަކީ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށް ނެރުން ކަަމަށް ސީފީ ވިދާޅުވިއެވެ.

އެ މަސައްކަތާ އެކުގައި އެކްސިޑެންތްތައް ހިނގާ މިންވަރު މަދު ކުރެވުނު ކަމަށާއި އެއަށް ފަހު ވައްކަމާއި ފޭރުމުގެ ކަންކަން މަދުކުރުމަށް މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަަމަށް ސީޕީ ވިދާޅުވިއެވެ. މި މައްސަލަަތައް ހައްލު ކުރުމަށް ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކޮށްގެން މެނުވީ ހެޔޮ ބަދަލެއް ނުފެންނާނެ ކަމަށް ސީފީ ވިދާޅުވިއެވެ. ވައްކަމާއި ފޭރުމުގެ ރެކޯޑްތައް އޮތް އެތައް ބަޔަކު މިހާރު ވެސް މި މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ ކަން ފާހަގަ ކުރައްވަމުން ސީޕީ ވިދާޅުވީ އެފަދަ ފަރާތްތައް ފާހަގަކޮށް އެމީހުންނާ މެދު ފިޔަވަޅު އެޅިގެން މެނުވީ މި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

ވައްކަން ކުރުމާއި ފޭރުން އިތުރުވެފައިވާ އިރު، އާންމުކޮށް ވައްކަން ކުރާ ތަންތަނާއި އެތަންތަނުން ވައްކަން ކުރާ ގަޑިތައް ފާހަގަ ވެފައިވާ ކަން ސީޕީ ވިދާޅުވިއެވެ. އެހެންކަމުން މާލެއާއި ހުޅުމާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނައިން ހިންގާ ސަރަހައްދުތަކަށް އަމާޒުކޮށްގެން އިތުރު ފުލުހުން ނެރެ އެ ސަރަހައްދުތައް ބަލަމުން ދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ކުށުގެ ރެކޯޑްތަކުގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނަ މައްސަލަތަކަކީ ވައްކަމާއި ފޭރުމުގެ މައްސަލަތަކާއި އެކްސިޑެންޓްތަކުގެ މައްސަލައެވެ. މިއަހަރުގެ މިހާތަނަށް ވައްކަާއި ފޭރުމުގެ 3377 މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ އިރު، އެކްސިޑެންޓް ތަކާ ގުޅޭ 2232 މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ. މިދިޔަ އަހަރު ވައްކަމާއި ފޭރުމުގެ 4299 މައްސަލައެއް ރިޕޯޓް ކޮށްފައިވާ އިރު، އެކްސިޑެންޓް ތަކާ ގުޅޭ 3818 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.