ބޮލީވުޑްގެ ކުޅަދާނަ ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޖިގްރާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

އާލިއާ އާއި ވެދާންގް ރެއިނާ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ރެއިނާ ކުޅުނު ކެރެކްޓާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ. ފިލްމު ހިޓު ފިލްމަކަށް ހަދައިދިނީ ރެއިނާގެ މޮޅު އެކްޓިންގެ ސަބަބުން ކަމަށް ގިނަ ބެލުންތެރިން ބުނެފައިވެއެވެ. މި ފިލްމަކީ އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވައޮކޮމް 18 ގުޅިގެން ހަދާފައިވާ ފިލްމެކެވެ.

ކޮއްކޮ ސަލާމަތްކުރުމަށް ދައްތަ ކުރިމަތިލާ ނުރައްކާތެރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް ގިނަ ކްރިޓީކުން ވަނީ ފަސް ތަރިން 3.5 ގެ ރޭޓިންނެއް ދީފައެވެ. މިދިޔަ އަހަރު "ދި އާޗީސް" އިން ބޮލީވުޑަށް ތައާރަފްވި ވެދާންގް އަކީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ އުންމީދީ ތަރިއެކެވެ.ފިލްމުގައި އާލިއާ އާއި ވެދާންގް ގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ ނޯޖް ޕަހްވާ އާއި ރާހުލް ރަވިންދުރަން އަދި އަދިތިޔާ ނަންދާ އެވެ. މި ފިލްމަކީ މިއަހަރު ސިނަމާއަށް އަންނަ އެންމެ އުންމީދީ އެއް ފިލްމުވެސްމެއެވެ. މި ފިލްމުގެ އޯޕަނިންއަށް ވަނީ 4.5 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. ހަފްތާ ބަންދުގައި މި ފިލްމަށްވަނީ 16.5 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.