ސިނާއީ ބޭނުމަށް ހުޅުމާލޭ ފޭސް 2 އިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭ ފޭސް 2އިން ވިއްކުމަށް ހަމަޖެހިފައި ވަނީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދުގެ 12 ބިން ކަމަށެވެ.

ހަމައެކަނި ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް ވިއްކަން ހުޅުވާލާފައިވާ މި ބިންތަކަށް، އުމުރުން 18 އަހަރުވެފައިވާ ކޮށްމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި ބީލަން ހުށަހަޅަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާ އަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7،500 ރުފިޔާ ކަމަށް ވާއިރު، ކޮންމެ ފަރާތަކަށްވެސް ޖުމްލަ 3 ބިން ގަނެވިދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީއިން އިތުރަށް ބުނީ މިހާރު ވިއްކުމަށް ހުޅުވާލެވިފައިވާ ބިންތަކުގެ މައުލޫމާތު ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު، މި ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅައިގެން ސާފުކުރެވޭނެ ކަމަށެވެ.