ހއ. ހޯރަފުށީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ހއ. ހޯރަފުށި / ރަތްބަގީޗާގެ، އަހްމަދު ޝީބާން (42އ) އެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 50.6 ގްރާމް ހުރިއިރު މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.