އަންނަ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޖިގްރާ" އަށް ބަތަލާ އާލިއާ ބަޓް ކިޔައިދީފައިވާ ލަވަ އާންމުކޮށްފިއެވެ.

"ޗަލް ކުޅިޔޭ" ގެ ނަމުން ނަން ދީފައިވާ މި ލަވަ އަކީ ބަތަލާ އާލިއާ އާއި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންގް ގެ ހިތްގައިމު އަޑުން ކިޔާފައިވާ ލަވައެކެވެ. މި ލަވައިގެ ވީޑިއޯވެސް ވަނީ އާންމުކޮށްފައެވެ. މީގެ ކުރިންވެސް އާލިއާ ވަނީ ދެ ފިލްމަކަށް ލަވައެއް ކިޔައިދީފައެވެ. އެއީ ބަތަލާ އެކްޓްކުރި "އުޅްތާ ޕަންޖާބު" އާއި "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އަށެވެ. ފިލްމު ޖިގްރާ އަކީ އާލިއާ އަންހެން ލީޑު ރޯލު ކުޅޭ ފިލްމެކެވެ.

https://youtu.be/FewWUHxY79w

އާލިއާގެ އަމިއްލަ ފިލްމު ކުންފުނި، އިޓާނަލް ސަންޝައިން އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރުން ވައޮކޮމް 18 ގުޅިގެން ހަދާފައިވާ ފިލްމުގައި އާލިއާ އާއެކު ލީޑު ރޯލުން ފެނިގެންދާނީ ވެދާންގް ރެއިނާއެވެ. ކޮއްކޮ ސަލާމަތްކުރުމަށްޓަކައި ދައްތައަކުވާ ގުރުބާނީ މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ޓީޒާއިން ފެނިގެންދަނީ ކޮއްކޮ ސަލާމަތްކުރުމަށް ދައްތަ ކުރިމަތިލާ ނުރައްކާތެރި ކަންތައްތަކެވެ. މި ފިލްމަކީ ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މިދިޔަ އަހަރު "ދި އާޗީސް" އިން ބޮލީވުޑަށް ތައާރަފްވި ވެދާންގް އަކީ ބޮލީވުޑްގައި ކުރިއަރަމުން އަންނަ އުންމީދީ ތަރިއެކެވެ.

ފިލްމުގައި އާލިއާ އާއި ވެދާންގް ގެ އިތުރުން ދެން ހަރަކާތްތެރިވާނެ ތަރިންނަކީ ނޯޖް ޕަހްވާ އާއި ރާހުލް ރަވިންދުރަން އަދި އަދިތިޔާ ނަންދާ އެވެ. މި ފިލްމަކީ މިއަހަރު ސިނަމާއަށް އަންނަ އެންމެ އުންމީދީ އެއް ފިލްމުވެސްމެއެވެ.