މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ އަލީ ހައިދަރު އަހްމަދު އާއިލީކަމެއް ދިމާވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ވެވަޑައިނުގެންނެވުމުން ވަޒީރުއާ ސުވާލުކުރުން ކެންސަލްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުކުރުމަށް އެޖެންޑާކޮށްފައިވާއިރު، މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން އެޖެންޑާކުރީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާ ގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހްމާން ވިދާޅުވީ ކުއްލިއަކަށް ދިމާވި އާއިލީކަމަކާ ގުޅިގެން މަޖިލީހަށް ވަޑައިގެންނެވެން ނެތްކަމަށް މަޖިލީހުގެ ރިޔާސަތަށް އަންގަފައިވާކަމަށެވެ. އަދި ދެން އެންމެ އަވަހަށް އެޖެންޑާކުރެއްވެން އޮތް ދުވަހަކަށް އެޖެންޑާކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި މިނިސްޓަރާކުރުމަށް ނިންމާފައިވަނީ ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ދުވަހާއި، ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ދުވަހަކާއި ގުޅޭ ގޮތުން ސުވާލުކުރުމެވެ. އަދި ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4000 ފްލެޓް ލިބުނު ފަރާތްތަކަށް އެ ފްލެޓްތައް ހަވާ ލުކުރެވޭނެ ތާރިހާ ގުޅޭ ގޮތުން ސުވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.

މަޖިލީހުގައި ސުވާލުކުރަން އޮތް ވަޒީރަކަށް ހާލަތެއް ދިމާވެ ވަޑައިނުގެންނެވިއްޖެ ނަމަ އަލުން ސުވާލުކުރުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުން ލިބެއެވެ.