ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޓީސީސީއަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ ސައިޓުގައި ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަމުން ދާ އިރު އެ މަސައްކަތުގެ 71 ޕަސެންޓް ފުރިހަމަ ވެފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެކްސެސް ޕްލެޓްފޯމްގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ފުރިހަމަ ކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 59,013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. ހަމައެއާއެކު 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 1،509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.