އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހަނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހަނެއް ކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މާލޭ ސަރައްހަދުގެ މިސްކިތްތަކުން ވައްކަންކުރުން އިތުރުވެފައިވާއިރު މާލެ ސިޓީ ކައުންސިލުން ބުނީ އީދު މިސްކިތުން މި މަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާކަމަށެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި ތިން ރޭ މަތިން ތަގްވާ މިސްކިތުން 7 ފަންކާވެސް ވަގަށް ނަގާފައިވާއިރު، ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރަކާއި އެ މިސްކިތުގައި ހުރި 2 ފެންކާވެސް ހަމަ އެ މަހުގެ ތެރޭގައި ވަނީ ވަގަށް ގެންގޮސްފައެވެ.