ނިމިދިޔަ އިންޑިއާގެ އިންތިހާބުގައި ކުރިންވެސް މަޖިލީހުގައި ހިމެނޭ ބައެއް ފަންނާނުންނާއެކު މުޅިން އާ ފަންނާނުންވެސް ގޮނޑި ކާމިޔާބު ކޮށްފިއެވެ.
ދިވެހިންގެ މެދުގައިވެސް މަގުބޫލު ސަތަރޭ އާއި ހެމާ މާލިނީ އަދި ކަންގަނާ އާއި ރަވީ ކިޝަން އާއި ޑްރާމާތަކުން ފެންނަ އަރުން ގޯވިލްފަދަ ފަންނާނުން ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.
ބީޖޭޕީ އާއި ކޯލިޝަން ތަމްސީލު ކުރި 'އެންޑީއޭ' އަށް މަޖިލީހުގެ 293 ގޮނޑި ލިބިފައިވާ އިރު އިދިކޮޅު ކޮންގްރެސް ހިމެނޭ 27 ޕާޓީގެ 'އިންޑިއާ' ކޯލިޝަނަށް 234 ގޮނޑި ލިބިފައިވާ މި އިންތިހާބުގައި ވާދަކުރި ފަންނާނުންގެ ތެރެއިން މަޖިލީހަށް ވަން ބައެއް ފަންނާނުން ވަނީ އެމީހުން ވާދަ ކުރި ދާއިރާތަކުން ތަފާތު ބޮޑުކޮށް ވޯޓު ހޯދާފައެވެ. އެގޮތުން ކަންގަނާ ރަނައުޓް ވާދަ ކުރި ހިމާޗަލް ޕްރަދޭޝް ގެ މަންދި ދާއިރާއިން މޮޅުވެފައި ވަނީ ވާދަ ކުރި ކެންޑިޑޭޓުންނަށް ވުރެ ކުރި ހޯދާ 74 ހާސް ވޯޓުގެ ތަފާތުންނެވެ.
ކޮމެޑީ ބައިތަކާއި އަދި ނުބައިބައި ކުޅުމަށް މަޝްހޫރު ރަވީ ކިޝަން ވެސް ވަނީ މަޖިލީހަށް ވަދެފައެވެ. އޭނާ ތަމްސީލު ކުރާ ގޮރަކްޕޫރު ގޮނޑި ކާމިޔާބު ކުރީ 1 ލައްކަ ވޯޓުގެ ތަފާތު ބޮޑުކޮށެވެ.
ޓީވީ ސީރީޒް ތަކުގައި ހިންދޫ ކަލާނގެ އެއްގެ ބައި ކުޅޭ އަރުން ގޯވިލް ކާމިޔާބު ކުރީ އުއްތަރް ޕްރަދޭޝްގެ މީރަތު ގޮނޑިއެވެ.
އިންޑިއާގައި މަގުބޫލު 'ޑްރީމްގާލް" ނުވަތަ ހެމާ މާލިނީ މަތުރާ ދާއިރާ ކާމިޔާބު ކުރީ އިދިކޮޅު ކެންޑިޑޭޓުންނާ ތަފާތު ބޮޑުކޮށް 2 ލައްކަ ވޯޓުގެ ފަރަގަކުންނެވެ. ޓްރިނަމޮލް ތަމްސީލު ކުރަން ސަތަރޭ މަޖިލީހުގެ މިއަދުރު ކާމިޔާބު ކުރީ 59 ހާސް ވޯޓުގެ ތަފާތުންނެވެ. ސަތަރޭއަކީ މީގެ ކުރިންވެސް މަޖިލީހުގެ މެންބަރެކެވެ.
ގިނަ ފިލްމުތަކުން މަގުބޫލުކަން ހޯދާފައި ވާ މަނޯޖް ތިވާރީ ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްފައެވެ. ބޯޖްޕްޕޫރު ދާއިރާ އޭނާ ކާމިޔާބު ކުރީ 1 ލައްކަ ވޯޓުގެ ތަފާތަކުންނެވެ.
މީގެ އިތުރުންވެސް ބެންގާލީ ފިލްމު ކުޅޭ ގިނަ ސްޓާރުންވެސް މަޖިލީހަށް ވަދެފައިވާ އިރު އިންޑިއާގައި ފިލްމު ސްޓާރުންނާއި ކްރިކެޓް ސްޓާރުންނަކީ އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް އޮންނަ ބައެކެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ސިޔާސީ ކަންކަމުގައި ބައިވެރި ނުވި ނަމަވެސް އެ މީހުންގެ ބަސް ވިކޭ މިންވަރު ސިޔާސީ މީހުންނަށް ވުރެ ބޮޑެވެ. އެގޮތުން މިފަހަރު ވާދަ ކުރި ގިނަ ފަންނާނުންނަށް ތާއީދު ކޮށް އެފަދަ މަޝްހޫރު ބައެއް ފަންނާނުން ވާހަކަ ދައްކާ, އަދި ކެމްޕެއިން ކޮށްދީފައި ވުމަކީ މި ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީގެ އެއް ސިއްރު ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.