ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސިދާތު މަލްހަތްރާ އާއި ކްރިތީ ސެނަން ފިލްމަކުން ފެންނަން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދެތަރިން އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާނީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ ފިލްމަކުންނެވެ. ސިދާތު އާއި ކްރިތީ ލޯބީގެ މި ފިލްމުން ފެނިގެންދާއިރު ފިލްމާ ގުޅޭ މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ދެތަރިން އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެން ދާކަން ރިޕޯޓް ކުރުމާއެކު ގިނަ ފޭނުން ތިބީ ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުމަށް ކެތްމަދުވެފައެވެ.
މެޑޮކް ފިލްމްސްގެ ފިލްމުތަކުގައި މީގެ ކުރިން ކްރިތީ ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރެއިން ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރާއެކު ކުޅުނު "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ. އެ ފިލްމުގައި ކްރިތީ ކުޅުނީ ރޮބޮޓެއްގެ ރޯލެވެ. އޭގެ އިތުރުން ބަތަލާ ވަނީ މެޑޮކް އިން ގެނެސްދިން "މިމީ" ކުޅެފައެވެ. އެ ފިލްމުން ކްރިތީ އަށް ގިނަ އެވޯޑުތަކެއް ވަނީ ލިބިފައެވެ. އޭނާ އެންމެ އަވަހަށް ފެނިގެންދާނީ "ދީ ޕައްތީ" އިންނެވެ.
2012 ވަނަ އަހަރު ސްޓޫޑަންޓް އޮފް ދަ އިޔާ އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު ސިދާތު އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގްބޫލުކަމާ ލޯބި ހޯދި ފަންނާނެކެވެ. ކެރިއަރުގައި ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައިވާ ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ "ޔޯދާ" އިންނެވެ.