2012 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ތިން ވަނަ ބައި ބަތަލާ އަންކިތާ ލޯކަންޑޭ އަށް ހުށައެޅި ނަމަވެސް ވެބް ސީރީޒް ނުކުޅޭ ގޮތަށް ބަތަލާ ނިންމައިފިއެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ވެބް ސީރީޒެއްގެ ގޮތުގައި ހަދަން ނިންމާފައިވާ މި ޕްރޮޖެކްޓުގެ ބޮޑު ރޯލެއް ކުޅެން ބަތަލާ އަންކިތާ އަށް ހުށައެޅި ނަމަވެސް އޭނާ ވަނީ އެ ހުށައެޅުމަށް ވަގުތުން ނޫނެކޭ ބުނެފައެވެ. ނަމަވެސް ނޫނެކޭ ބުނި ސަބަބެއް އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއްނުވެއެވެ. ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި ކަރަންގެ ހުށައެޅުމަށް އަންކިތާ ނޫނެކޭ ބުނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ސުޝާންތު ސިންހް ރާޖްޕުތު އާ މެދު ކަރަން ކަންތައްކޮށްފައިވާ ގޮތުންނެވެ. 2020 ވަނަ އަހަރު އެކްޓަރު މަރުވިއިރު ބޮލީވުޑްގެ އަޑި ނޭނގޭ އެތައް ސިއްރުތަކެއް ހާމަވެގެން ދިޔައިރު ކަރަންގެ ސިއްރުތަކެއްވެސް ވަނީ ހާމަވެފައެވެ. ނެޕޮޓިޒަމް ބައްޕަގެ ނަމުން މަޝްހޫރުވެފައިވާ ކަރަންގެ ޕްރޮޖެކްޓަކަށް އަންކިތާ ނޫނެކޭ ބުނީ އެހެންވެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޕަވިތްރަ ރިޝްތާ ފަދަ މަގްބޫލު ޑްރާމާ ސީރިއަލްތަކުން ފެނިފައިވާ ބަތަލާ އަންކިތާ އެންމެ ފަހުން ފެނިގެންދިޔަ ފިލްމަކީ މިދިޔަ މާޗު މަހު ނުކުތް "ސްވަންތަރިއާ ވީރު ސަވަރްކަރް" އިންނެވެ. އޭނާ އާއި އޭނާގެ ފިރިމީހާ ވިކީ ޖެއިން ވަނީ ބިގް ބޮސް ގެ 17 ވަނަ ސީޒަނުގައި ވާދަކޮށްފައެވެ.

ޝްހޫރު ކަޕޫރު އާއިލާގެ އެކްޓަރު ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތައާރަފްވާ މި ސީރީޒަކީ ހުރިހާ ގޮތަކުންވެސް ކަމުދާނެ ސީރީޒެއް ކަމަށް ކަރަން ވަނީ ބުނެފައެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށާނެއެވެ. މިއީ ދަރުމާ ޕްރޮޑަކްޝަންގެ ފުރާޅުގެ ދަށުން ގެނެސްދޭ ސީރީޒްއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ސްޓޫޑަންޓް އޮފް ދަ އިޔާގެ ދެވަނަ ބައެއް ގެނެސްދިން އިރު އެ ފިލްމުން ފެނިގެންދިޔައީ ތާރާ ސުތައިރާ، ޓައިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭއެވެ. މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ވަރުން ދަވަން، އާލިއާ ބަޓް އަދި ސިދާތް މަލްހަތްރާއެވެ.