ތެލުގޫ ތަރި އައްލޫ އަރްޖުން އާއި ރަޝްމިކާ މަންޑަންނާގެ މޮޅު ހުނަރު ފެނިގެން ދިޔަ ފިލްމު "ޕުޝްޕާ 2: ދަ ރޫލް ބިގިންސް" ގެ ޓީޒާ އާންމުކޮށްފިއެވެ.

އައްލޫ އަރުޖުންގެ ތަފާތު ލުކެއް ފިލްމުގެ ޓީޒާއިން ފެނިގެންދިޔައިރު އެ ޓީޒާގައި އައްލޫ ހުރީ ސާޅީ އަޅައިގެންނެވެ. އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތާވަލްކޮށްފައިވާ މި ފިލްމުން ރަޝްމިކާ މަންދަނާ އާއި ފާހަދު ފާސިލް ވެސް ފެނިގެންދާނެއެވެ. މި ފިލްމުގެ ޓްރެއިލާ އާއެކު ޕުޝްޕާ އަދި މަރުނުވާކަން ހާމަވެގެންދިޔައެވެ. ނެޝަނަލް އެވޯޑް މި ފިލްމުން އައްލޫ ހޯދިއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ އިންޑިއާގެ ވަކި ހިސާބަކުން ނޫނީ ނުލިބޭ ލަކުޑިއެއް ވަގަށް ވިއްކުމުގެ މަސައްކަތް ކުރަމުން ދާ ބަޔަކު އެ ވިޔަފާރިފުޅާކޮށް މުޅި އެ ވިޔަފާރީގެ ބާރު ހޯދާގޮތެވެ. އަދި އެ ވިޔަފާރީގައި އުޅެމުން ދަނިކޮށް ސާދާ ދިރިއުޅުމެއް އުޅެމުން ދިޔަ ސްރިވައްލީ ދެކެ ޕުޝްޕާ ލޯބިވެ އެ ލޯބި ހޯދުމަށް ކުރާ މަސައްކަތްތައް ވެސް ފެނިގެން ދެއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރު ސުކްމާރު އުފެއްދި ފިލްމުގެ ސީކުއަލް ވެސް ޑައިރެކްޓްކުރަނީ އޭނާއެވެ. 2021 ވަނަ އަހަރު ފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައިއިރު އެ ފިލްމަށް ބޮކްސް އޮފީހުގައި 373 ކުރޯޑު (47 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވެއެވެ. ޕުޝްޕާ: ދަ ރައިޒް އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި އެއް ސަބަބަކީ ފިލްމުގައި އައްލޫ އަރްޖުންގެ ކެރެކްޓާ ކުޅެފައިވާލެ ފުރިހަމަ ކަމުންނެވެ. ކްރިޓީކުންނާއި ބެލުންތެރިންވެސް ބުނީ އެ ކެރެކްޓާއަކީ ވަރަށް ވަރުގަދަ ކެރެކްޓާއެއް ކަމަށާއި އައްލޫގެ އެކްޓިން މޮޅުކަމަށެވެ. ފިލްމުގެ އިތުރުން މި ފިލްމުގައި ހިމެނުނު ލަވަތަކަކީ ވެސް މުޅިން ވައިރަލްވެގެން ދިޔަ ހިތްގައިމު ލަވަތަކަކެވެ.