އިނގިރޭސި ވަލީއަހުދު ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކޮށްފިއެވެ.

ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން، މަންމައިންގެ ދުވަހު އާންމުކުރި އެޑިޓެޑް ފޮޓޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ގިނަ ބަޔަކު އޭރު ވަނީ ޝާހީ އާއިލާއިން އެފަދަ ކަމެއް ކުރި ސަބަބު ހާމަކުރަންޖެހޭކަމަށް ބުނެފައެވެ. އަދި ކޭޓް އަށް 'ވީނުވީއެއް' ނޭގިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވާއިރު އެންމެ ފަހުން، އެކަމަނާ މިވަނީ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކޮށް ވީޑިއޯ މެސެޖެއް ދެއްވާފައެވެ.

މީސްމީޑިއާގައި ކޭޓް އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ދާދި ފަހުން އެކަމަނާ ފުރިހަމަ ކުރެއްވި ބަނޑުގެ އޮޕަރޭޝަނުން ކެންސަރު ހުރިކަން ފާހަގަ ކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ފަހުން ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން އެގިގެންދިޔަކަމަށް ކޭޓް ވިދާޅުވިއެވެ. މެޑިކަލް ޓީމުގެ އިރުޝާދުގެ ދަށުން ކީމޯތެރަޕީގެ ފުރަތަމަ ސެޝަން މިހާރު ފައްޓަވާފައިވާފައިވާކަން ހާމަކުރައްވަމުން ކޭޓް ވަނީ މިއީ ލިބުނު ވަރަށް ބޮޑު ހައިރާންކަމެއްކަމުގައި ވިދާޅުވެފައެވެ.

https://youtu.be/A_jE1j_KOZk

އިތުރަށް ކޭޓް ވިދާޅުވީ އެކަމަނާގެ އާއިލާގެ ހައްގުގައި މަސައްކަތް ކުރަމުން ދަނީ ވީހާވެސް ހާމަކަން ކުޑަ ގޮތެއްގައި މިކަމުން އަރައިގަނެވޭނެ މަގެއް ފެނޭތޯކަމަށެވެ. ފިރިކަލުން ޕްރިންސް ވިލިއަމް އަރިހުގައި ހުންނެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ކޭޓް ވިދާޅުވީ ބަލިން ރަނގަޅުވުމަށް ބޭނުންވާނެ ކަންކަމަށް ސަމާލުކަން ދީގެން އަވަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.

މީގެކުރިން މީޑީއާ ރިޕޯޓްތް ބުނެފައިވާ ގޮތުން ސާޖަރީއަށް ފަހު ކޭޓް އެއްކޮށް ރަނގަޅުވެގެން ރޯޔަލް ޑިއުޓީސް އަދާކުރަން ފަށާނީ އޭޕްރިލް 17، ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޭޓްގެ ސިއްހީ ހާލަތު މިވަގުތު ހުރި ގޮތުން ދެން ރޯޔަލް ޑިއުޓީސް އާއި ހަވާލުވާނީ މެޑިކަލް ޓީމުން އެކަން ކުރަން ހުއްދަ ދިނުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.