ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމަށްޓަކައި އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމުކުރުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މީދޫއާ ވަކިން ހިއްކާފައިވާ ސަރަހައްދު އެރަށާ ގުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. އަދި އެސަރަހައްދުގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެވާނެ ކަމަށް ވިދާޅުވިއެވެ.އެސަރަހައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ހައުސިން މަޝްރޫއު ކުރިޔަށްގެންދާއިރު މީދޫގައި މަދުވެގެން 200 ހައުސިން ޔުނިޓް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި އެ ރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކޮށް ރައްޔިތުން އެދޭ ބަދަލުތަކާއެކު ތަރައްގީ ކުރުމާއި އެނޫންވެސް ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.