މުޅި ރާއްޖެއަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ދ. މީދޫގައި 200 ހައުސިން ޔުނިޓް އަަޅައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ދ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ދ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީދޫއަށް މަދުވެގެން 200 ހައުސިންގް ޔުނިޓް ބޭނުންވާ ކަމަށް އެ ރަށުގެ ކައުންސިލް ރައީސް ވިދާޅުވިކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، 200 ހައުސިން ޔުނިޓް އަޅައި ދެއްވާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެގޮތުން މާލެ ސަރަހައްދު ފިޔަވާ ދެން ހުރި ސަރަހައްދުގައި 40،000 ހައުސިން ޔުނިޓް އަލާން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، މީދޫގެ ބިން ހިއްކާފައި އޮތް ކަމަށާއި ނަމަވެސް ބިމުގެ ބޭނުން ހިފޭނެ ގޮތެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ބިމުގެ ބޭނުން ހިފޭނީ އެ ތަނުގައި ދިރިއުޅެވޭނެ ގޮތެއް ހެދިގެން ކަމަށާއި، މަގު ހެދުމާއި ފެނާއި ކަރަންޓު އަޅައިދީ އަސާސީ ބޭނުންތައް ފޯރުކޮށް ދީގެން ނޫނީ އެ ބިމުގެ ބޭނުން ނުހިފޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެ ބިމުގެ ބޭނުން ހިފޭނެ ގޮތަށް އަސާސީ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިއްކާފައިވާ ބިމުގެ މަގުތައް ހަދާ އިރު އެ ރަށުގެ މަގިތައް ވެސް ހަދާނެ ކަމަށާއި ދެ މަޝްރޫއު ކުރިއަށް ގެންދާނީ އެކުއެކީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއާއެކު ގެދޮރު ބިނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ވެސް ކުރިއަށް ގެންގޮސް ބޯހިޔާވަހިކަމުގެ ހައްލު ހޯދައި ދިނުމަށް ގެދޮރު އެޅޭނެ ގޮތްތަކާއި، ލޯންތަކުގެ ކަންކަމާ ގުޅިގެން ކުރަން ޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިކޮނޮމީ އަދި ބޭންކިން ދާއިރާ ހަރުދަނާ ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މީދޫގެ ބަނދަރު ބޮޑުކޮށް އެންމެ ފުޅާކޮށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިހާރު ކުރިއަށް ގެންދާ ބަނދަރުގެ މަޝްރޫއަށް ބަލައި އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އެނެމް ފުރިހަމައަށް ހުރިހާ ވަސީލާތްތަކެއް ލިބޭނެ ގޮތަށް ބަނދަރު ހަދައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މަސްވެރިކަން ކުރާ ރަށަކަށް ރަނގަޅު ބަނދަރެއް އޮތުމަކީ މުހިއްމު ކަމެއް ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، މީދޫގައި އައިސްޕަލާންތެއް ގާއިމް ކޮށް ދެއްވާނެ ކަމަށެވެ.