ހުޅުމާލެ ފޭސް1 ގައި ބާރު ސްޕީޑުގައި ދުއްވާދިޔަ ސައިކަލެއް ކޮންޓްރޯލްނުކުރެވި، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ފޭސް1 ގެ ގުލްއަލާމާ ހިނގުމުން ހުޅަގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ މަންޒަރު 02:32 އެހާއިރު އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔަވެފައިވާއިރު ފުލުހުން ބުނީ އެމީހާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރުގެ ދިވެހި ފިރިހަނަކަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާކަމަށާއި އަދި އިމިގްރޭޝަންގެ ވޭނަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.