މިއަދު ބާއްވާނެ ކަމަށް އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ބުދަ ދުވަހަށް ފަސްކޮށްފިއެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވިދާޅުވީ، މަޖިލީހުގެ ޖަލްސާ އެއް ދެން ބާއްވާނީ މިއަދު ހެނދުނު 9 ޖަހާއިރު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބަޔާންކުރާ ގޮތުން، ހާއްސަ ހާލަތެއް ފިޔަވައި، މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ މަދުވެގެން ހަ ގަޑިއިރު ކުރިން ޖަލްސާގެ އެޖެންޑާ މެންބަރުންނަށް ފޮނުވައި އާންމުކުރަން ޖެހެއެވެ. އެހެންވިޔަސް ވެސް އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާއެއް ހެނދުނު އޮންނަ ނަމަ، އެ ޖަލްސާއެއް ފެށުމުގެ 12 ގަޑިއިރު ކުރިން ޖަލްސާގެ އެޖެންޑާ ޝާއިއުކުރެއެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ރޭ ޝާއިއުކޮށްފައެއް ނެތެވެ. މިކަމާ ގުޅިގެން 'ދަ ޕްރެސް' އިން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު އާ ސުވާލުކުރުމުން ވިދާޅުވީ، މިއަދު ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ކެންސަލްކޮށް، އަންނަ ބުދަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ބުދަ ދުވަހަށް ޖަލްސާ ފަސްކުރިކަން ރޭ ކަށަވަރުކޮށްދެއްވައިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސާ އެކު، އެއް ޕާޓީ ފިޔަވައި މަޖިލީހުގައި ތަމްސީލުކުރާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރުން ބައްދަލުވުމެއް ބާއްވައި، ބޮޑުކަމެއް ނެތިއްޔާ ޖަލްސާ އެއް މި ދުވަސްކޮޅު ނުބާއްވަން ނިންމެވި ކަމަށެވެ.

"ދެން އަހަރެމެން ގަބޫލުކަމެއް ނޫން އެއީކީއެއް [މަޖިލިސް ބާއްވަން ނުޖެހޭ ސަބަބެއް ކަމަކަށް]، މަޖިލިސް އޮންނަން ޖެހޭނެ ހަފްތާއަކު ތިން ދުވަހު، އަނެއްކާ އެޖެންޑާކުރަންވެފަ ހުންނާނެ ބައިވަރު މަސައްކަތް،" ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިޝާރާތްކުރައްވައި، އަދި ޖަލްސާ ނެތުމުން ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ދައުރުގެ ތެރޭ ހިނގާ އާންމު ޖަލްސާތައް ކޮންމެ ހަފްތާއަކު މަދުވެގެން ތިން ދުވަހު ބާއްވަން ވާނެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން 20 ވަނަ މަޖިލީހަށް ވާދަކުރައްވާކަން ފާހަގަކުރައްވައި ކެލާ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފް ވިދާޅުވި ގޮތުގައި، ގިނަ މެންބަރުން ކެމްޕެއިންގައި ވަގުތު ހޭދަކުރައްވާތީ މަޖިލީހުގެ ކޯރަމް ހަމަނުވަންޏާ ޖަލްސާތައް ކުރިއަކަށް ނުގެންދެވޭނެއެވެ.

"މިސާލަކަށް އަޅުގަނޑުމެން ގްރޫޕްގަ ޖަހައިގެން ކޯރަމް ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެން ޖަލްސާ އެއް ބާއްވަނީ، ދެން އެހެންނާ މުހިއްމުކަމެއް ވެއްޖިއްޔާ އަޅުގަނޑުމެން ކޯރަމް ހަމަކުރުމަށް މަސައްކަތްކުރަން،"

"އެގޮތުން މިސާލަކަށް އަޅުގަނޑުމެން 28 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން މިހާރު މަޝްވަރާކުރަމުން ދަނީ،" 'ދަ ޕްރެސް' އިން ސުވާލުކުރުމުން ވިދާޅުވިއެވެ.