ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ.ގުޅި އަދި ވ.ކެޔޮދޫގައި އޭޓީއެމް ސެންޓަރު ގާއިމްކޮށް ހިދުމަތް ދޭން ފަށައިފިއެވެ.

މިއީ މުޅި ރާއްޖެއަށް ބޭކިންގް ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއެިން ހުޅުވި އޭޓީއެމް ސެންޓަރެކެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ގުޅީގައި މި ފެށުނު އޭޓީއެމްގެ ހިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކޮށްފައިވާ ބޭންކިންގް ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން 5 ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިވާއިރު މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށްވެސް ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ވ. އަތޮޅަށް ބަލާއިރު ފެލިދޫގައި ބްރާންޗު މެދުވެރިކޮށް ހިދުމަތް ދެމުންދާއިރު، އެ އަތޮޅުގެ 2 ރަށެއްގައި ވަނީ އޭޓީއެމް ގާއިމްކޮށްފައެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ ކޭޝް އެޖެންޓްގެ ހިދުމަތް ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.