ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ 55 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޓީސީސީއިން ބުނެފައިވަނީ ށ. މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ 55 ޕަސެންޓު ނިމިފައިވާ ކަމަށާއި، ބޭރު ތޮށީގެ ޕްރޮައިލިން މަސައްކަތްތައްވެސް ފެބްރުއަރީ 11 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ.

ށ.މާއުނގޫދޫ ބަނަދަރުގެ މަޝްރޫއުގެ ދަށުން، 59,013 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,245 ކިއުބިކް މީޓަރުގެ ސަަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 362 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 312 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1509 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 56.79 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.