އާންމުންގެ ބަޔަކު ފުލުހުން "ސައިޒްކޮށްފި" ކަމަށް ބުނެ ދައުރުވަމުންދާ ވީޑިއޯގެ ތަފްސީލް ފުލުހުން ދީފިއެވެ.

މަގުމަތީގައި އާންމުންގެ ބަޔަކު ތިން ފުލުހަކު "ސައިޒްކޮށްފި" ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި މާލޭގެ މަގެއްގެ މަތީގައި ތިން ފުލުހަކާއި ތިން ޒުވާނަކާ އަރާރުންވާ މަންޒަރު ފެނެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ ވީޑިއޯއަކީ ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ ބާރު ނެތް ކަމަށް ދޭހަވާ ގޮތަށް އަދި ކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް އޮޅޭގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަނީ ނުރައްކާތެރިކޮށް އަދި އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި މީހަކު ހުއްޓުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިވުމާ ގުޅިގެން އެމީހާ ހައްޔަރު ކުރުމުގެ ވަގުތުކޮޅެއްގެ ކުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާ ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ސައިޒް ކުރި ކަމަށް ބުނެ ވީޑިއޯ ދައުރު ކުރި އެއް ޕްލެޓްފޯމަކީ އެމްވީކްރައިސިސް އެވެ.