އަހަރުގެ ފުރަތަމަ ބިރުވެރި ޖޯންރާ ފިލްމު ބަލަން ދިޔައީ ވަރަށް ބޮޑު އުންމީދާއެކުގައެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. އައިފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމަށްވެސް ވުމާއެކުގައެވެ. ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ ފިލްމެއް ވެއްޖިއްޔާ ރީތިވާނެ ކަން އެނގެއެވެ. ފިލްމު ބަލަން ވަނީ ވެސް ވަރަށް ހައި އެކްސްޕެކްޓޭޝަން އާއެކުގައެވެ. ރީތި ބިރުވެރި ފިލްމެއް ބެލޭނެ ކަމުގެ އުންމީދާއެކުގައެވެ. ފިލްމު ފެށިގެން ނިމެންދެންވެސް ޝައުގުވެރިކަމާއެކު ބެލީމެވެ. އުންމީދާ ހަމައަށް ވާސިލްވިއެވެ. ފިލްމު ނިމުމާއެކު ބެލުންތެރިންގެ ތަރުހީބުގެ އަތްތިލަ ބަޑީގެ އަޑުއިވުނެވެ. ބެލުންތެރިންވެސް ފިލްމު ބަލައިގެންފިކަން އެނގުނެވެ.

ތަރިން ނުޒުހަތު ޝުއައިބު (އާލިއާ)، ޝަރަފް (އިންމަ)، ވާޝިޔާ (އާލިން)، ސާރާ (އަލައިނާ)، ފާތިމަތު ލަތީފާ (މަރީނާ، އާލިއާގެ މަންމަ)، އަލީ ނަދީހު (ހަސަން)، ހާޒިފް (ނިމާލް)، އަލީފު (ރިޔާޒް)، އިޝްފާން (ސާމިހު)، ތާތި އާދަމް (ޝިފާނާ)، ރަވީ ފާރޫގް (އަރީޝް) އަދި އިފްނާޒް (އަކްރަމް)އެވެ.

މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)ފިލްމު ފެށިގެން އަންނަނީ އުފާވެރި ދިރިއުޅުމަކާއެކުގައެވެ. އާލިއާ އާއި އޭނާގެ ފިރިމީހާ އަރީޝް އާއި ދެމަފިރިންގެ ހުރި ހަމައެކަނި ހުރި ދަރިފުޅު އަލައިނާ ދިރިއުޅެމުން އައީ އުފާވެރި ދިރިއުޅުމެވެ. ކުޑަކުޑަ ލޯބި އާއިލާއެކެވެ. އިސާހިތަކު އާލިއާގެ ދިރިއުޅުމަށް ވަރުގަދަ ކޮޅިގަނޑެއް އާދެއެވެ. ލޯބިވާ ފިރިމީހާ އަރީޝްގެ ކުއްލި ވަކިވުން ވެގެންދިޔައީ އާލިއާ އަށް ބަރުތާސްތު ނުކުރެވޭ ވަރުގެ ބޮޑު ވޭނަކަށެވެ. ނަމަވެސް ހުރި ހަމައެކަނި ދަރިފުޅުގެ ހައްގުގައި އާލިއާ ހިތްވަރުކުރަންޖެހެއެވެ. އާލިއާގެ ހަޔާތަށް ރިހޭ ފައި މައްޗަށް ފޮއި ވެއްޓެނީ ދަރިފުޅާއެކު އާލިއާ ބަދަލުވާ ގެއެއްގެ ސަބަބުންނެވެ. ގޭތެރެއިން އާލިއާ އަށާއި އޭނާގެ ދަރިފުޅަށް ރޫހާނީ ކަންތައްތަކެއް ކުރިމަތިވެއެވެ.

އާލިއާ ވަޒީފާ އަށް ދާއިރު ދަރިފުޅު ގާތު މަޑުކުރަން އާލިން ކޮންމެ ދުވަހަކު އެގެއަށް އާދެއެވެ. އާލިން އަކީ އާލިއާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. ދެމީހުންގެ ގުޅުންވެސް ވަރަށް ވަރުގަދައެވެ. އާލިންގެ ލޯބިވެރިޔާ އިންމަ އަކީ މަޝްހޫރު ފުލުސް އޮފިސަރެކެވެ. ނުރައްކާތެރި މަރެއް ހިނގާ މަންޒަރު ފިލްމުން ދައްކުވައިދެއެވެ. އެ ކޭސް ހައްލުކުރުމަށް އިންމަ އާ ހަވާލުކުރެއެވެ. އެ ކޭހުގެ ހަގީގަތް އެނގެމުން އަންނަ ވަރަކަށް އިންމަގެ ބޯ ހާސްވެއެވެ. ހަސަންގެ މަރުގެ ހަގީގަތް ރިޔާޒަށް އެނގުުމުން އިންމަ އިތުރަށް ހާސްވެއެވެ. ސަބަބަކީ ރިޔާޒަކީ ދުނިޔެއިން މޮޔަވެފައި ހުރި މީހަކަށް ވުމުންނެވެ. ހަސަންގެ މަރު އިންމަ އަށް ރިޔާޒް ކިޔައިދެއެވެ. އަދި ދެން މަރުވާނީ ނިމާލު ކަމަށް ރިޔާޒު ބުނެއެވެ. ކަންތައްވެގެން ދިޔައީވެސް އެހެނެވެ. ރިޔާޒުގެ ކުރަހާފޮތުގައި ބިރުވެރި ކުރެހުންތަކެއް ކުރަހާފައި "ކަންބަޅި" ޖަހާފައި އޮތުމުން އިންމަގެ ޝައުގުވެރިކަން އިތުރަށް ބޮޑުވެއެވެ. ކަންބަޅި އަކީ ކޮން އެއްޗެއްތޯ ހޯދަން އިންމަ މަސައްކަތް ކުރެއެވެ.

އާލިއާގެ ހަޔާތަށް އިތުރު އުފާވެރިކަމެއް ގެނެސްދެނީ އަކްރަމެވެ. ބޯހިމެނުން ދުވަސްވަރު އެއް ޓީމެއްގައި މަސައްކަތްކުރި އަކްރަމާ އާލިއާ އާއި ދިމާ ވަނީ އާލިއާ ދިރިއުޅެމުން އަންނަ ގޭކައިރިންނެވެ. އެހިސާބުން ދެމީހުންނަށްވެސް އެއީ އަވަށްޓެރިންކަން އެނގިގެންދެއެވެ. ކޮއްކޮ އާލިން އަށާއި އިންމަ އަށް އަކްރަމް ތައާރަފްކޮށްދެއެވެ. އަކްރަމާއި އާލިއާގެ ދަރިފުޅު އަލައިނާ އާ ވެސް ގުޅުން ބަދަހިވެއެވެ.

ފިލްމުގެ މިހިސާބުން ކަންތައްތައް ބޮއްސުންލައެވެ. އާލިއާގެ އާއިލާއަށް ދިމާވެގެން އުޅެނީ ކޮންކަހަލަ ރޫހާނީ ކަންތައްގަނޑެއްކަން ހާމަވެއެވެ. އަދި ރިޔާޒު އަށް ދިމާވެގެން އުޅެނީ ކޮން ކަހަލަ ކަންތައްގަނޑެއްކަން ވެސް އެނގިގެންދެއެވެ. ބުނާކަށް ނެތީމެވެ. ފިލްމު ސްޕޮއިލްވެދާނެއެވެ. ބުނަލަން ބޭނުންވަނީ އަވަހަށް ޓިކެޓެއް ނަގައިގެން ގޮސް ފިލްމު ބަލާލާށެވެ. ފިލްމު ވޯތު ވާނެއެވެ.

ހަ އަހަރުގެ ސާރާގެ ރޯލު ކުޅުނު އަލައިނާ ހާދަ މޮޅޭ!

ފިލްމުގެ އެންމެ މުހިއްމު އެއް ރޯލު ކުޅުނީ ސާރާއެެވެ. އަލައިނާގެ ކެރެކްޓާއެވެ. ބިރުވެރި ރޫހާނީ ކަންތައްގަނޑެއްގެ ތެރޭ ތާށިވެގެން އިނދެ މި ރޯލު ކުޅުނީ އެންމެ ފުރިހަމައަށެވެ. ފިލްމުގެ ތަރިއަކީ ސާރާއެވެ. ހަ އަހަރުގެ ކުއްޖަކާ ބަލާފައި އެކްޓިން މާބޮޑަށްވެސް ރަނގަޅެވެ. ފުރިހަމައެވެ. ސާރާގެ ހުނަރު ހަމަ ރަނގަޅަށްވެސް އިއްލެގެ "ކަންބަޅި" އިން ފެނިގެންދިޔައެވެ.

ރިޔާޒްގެ ކެރެކްޓާ ކުޅުނު އަލީފަށް ސާބަސް!

އަލީފް އަކީ ފިލްމު އިންޑަސްޓްރީގައި އަރަމުން އަންނަ ޒުވާނެކެވެ. މި ފިލްމުގައި އަލީފް ކުޅުނީ ވަރަށް ތަފާތު ރޯލެކެވެ. ފަންޑިތަވެރިކަމެއްގެ ސަބަބުން މޮޔަ މީހެއްގެ ރޯލުން ފެނިގެންދިޔަ ރިޔާޒްގެ އެކްޓިން ފާހަގަކޮށްލަންޖެހޭނެއެވެ. މި ރޯލަކީ ފިލްމަށް ވަރަށް މުހިއްމު ރޯލެކެވެ. އެ ރޯލަކީ ކުޅެން އުނދަގޫވެސް ރޯލެކެވެ. ނަމަވެސް އަލީފު އެ ރޯލު ކުޅެދީފައިވާލެ ފުރިހަމަކަމުން ވަރަށް ރަނގަޅަށް ސްކްރީނަށް އޭނާގެ އެކްޓިން ޑެލިވާކޮށްދީފައިވެއެވެ.

ނުޒޫ، ޝަރަފް، ވާޝިޔާގެ އެކްޓިންނަށް ސުވާލު އުފައްދާނެ ޖާގައެއްނެތް!

މި ތިން ތަރިންނަކީ ވެސް ފިލްމުގެ އެންމެ މުހިއްމު ތިން ކެރެކްޓާއެކެވެ. ހަމަގައިމުވެސް ނުޒޫ، ޝަރަފް އަދި ވާޝިޔާގެ އެކްޓިންނަށް ސުވާލު އުފެއްދޭނެ ޖާގައެއް ނެތެވެ. އެމީހުންގެ އެކްސްޕީރިއަންސް ބޭނުންކޮށްގެން ކެރެކްޓާ ޑެލިވާކޮށްދީފައިވަނީ އެންމެ ފުރިހަމައަށެވެ. ތިން ތަރިންނަށްވެސް ސާބަހެވެ. އެކްޓިން އަށް ހަމަ އެއްވަނަ އެވެ.

ފިލްމުގައި ދެން ފެނިގެންދިޔަ އަކްރަމް، ޝިފާނާ، ހަސަން، ނިމާލު އަދި ސާމިހުގެ ކެރެކްޓާ ވެސް ވަރަށް ފުރިހަމައަށް ވަނީ ޑެލިވާކޮށްދީފައެވެ. ތާތި އާއި އިފްނާޒްގެ ކެރެކްޓާ އަކީ އެންމެ ގަޔާވި ދެ ކެރެކްޓަރެވެ. އަދި ނިމާލުގެ ކެރެކްޓާ ވެގެންދިޔައީ އެންމެ ކަމުދިޔަ އެއް ކެރެކްޓާއަށެވެ. ފިލްމުގައި ފެނިގެންދިޔަ ހުރިހާ އެކްޓަރުންގެ އެކްޓިންވެސް ފުރިހަމަކަން ފާހަގަކޮށްލެވެއެވެ.

ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ އޯކޭޒް އިންކުގެ ހުނަރުވެރި ޓީމުންނެވެ. ރުތުބާގެ މޭކަޕާއެކު، ފިލްމުގެ މަންޒަރުތައް އިތުރަށް ފުރިހަމަވެގެންދެއެވެ. ފިލްމުގެ ފަހު މަންޒަރާއެކު އޮލިމްޕަހުގައި ގުގުމާލީ ތަރުހީބުގެ އަޑެވެ. އިއްލެ އާއި އިފްނާޒްގެ ޑައިރެކްޝަނަށް ސާބަހެވެ.