ހަށިވިއްކުމުގެ އެކި މައްސަލަތަކުގައި 173 މީހަކު ޑީޕޯޓުކުރުމަށް ހަވާލުކޮށް، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި މިވީހާ ދުވަހު 151 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ފުލުހުންގެ ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން، ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ސަބްއިންސްޕެކްޓަރު އަހްމަދު ނާފިޒު ވަނީ، ފުލުހުންގެ ޑްރަގް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ދެ މަހު ކުރެވުނު ބައެއް މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކުރައްވައިފައެވެ. އެގޮތުން:

  • މިވީ ދުވަސްތަކުގައި 29 އޮޕަރޭޝަނެއް ހިންގުނު
  • 51 ސަފާރީ އެއް ބަލައި ފާސްކުރެވުނު
  • 3،097 މީހެއް ހުއްޓުވައި ޗެކްކުރެވުނު
  • އޭގެ ތެރެއިން 135 ދިވެއްސަކާއި 16 ބިދޭސިއަކު ހައްޔަރުކުރެވުނު

ނާފިޒު ވިދާޅުވީ، ފުލުހުން ހިންގި އެ 29 އޮޕަރޭޝަންގައި 13.4 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައި، ބަނގުރަލުގެ 3،422 ފުޅި އާއި ދަޅު އަތުލައިގެންފައިވާ ކަމަށާއި، އެ ތަކެތީގެ ޖުމްލަ އަގު 419،000 ރުފިޔާ އަށް އަރާ ކަމަށެވެ.

މީގެ އިތުރުން ހަށިވިއްކުން ހުއްޓުވުމަށްޓަކައި އިމިގްރޭޝަނާ ގުޅިގެން ހިންގި 13 އޮޕަރޭޝަނެއްގައި 173 މީހަކު ހައްޔަރުކޮށް، އެ މީހުން އަނބުރާ ފޮނުވާލުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މަސްތުވާތަކެތީގެ 114 މައްސަލައެއް، އަދި މި އަހަރުގެ މިހާތަނަށް 140 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. އަދި މިދިޔަ މަހު ޖިންސީ މައްސަލަތަކުގެ 20 މައްސަލައެއް، އަދި މި އަހަރުގެ މިހާތަނަށް 25 މައްސަލައެއް ތަހްގީގުކުރެވިފައިވާ ކަމަށް، ތަފާސްހިސާބުތަކުގައިވެއެވެ.