ހއ. ދިއްދޫ ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަ ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އެ މައްސަލާގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދިއްދޫގައި އިމާރާތްކުރަން ފަށާފައިވާ ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާ ދީފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން، އެއްވެސް ނޯޓިސްއެއް ދިނުމަކާއި ނުލާ ކުއްލި ގޮތަކަށް އެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރިކަން އެ މުވައްޒަފުންގެ ފަރާތުން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން އެ މުވައްޒަފުންނާ އެ މީހުންގެ އާއިލާތަކަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ލިބި، އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން މި ވަގުތު އިންތިހާއަށް އެބައޮތް ކަމަށާއި އިންޖީނުގޭގެ މަސައްކަތް ނުނިމޭ ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ. އަދި އެ މުވައްޒަފުންނަށް ނޯޓިސް ނުދީ ކުއްލި ގޮތަކަށް ވަޒީފާތަކުން ވަކިކުރުމުން، އެ މަސައްކަތް ހުއްޓި އަދި މުވައްޒަފުންނާއި އާއިލާތަކަށް ބޮޑު ގެއްލުންތަކާއި ނިކަމެތިކަމެއް މެދުވެރިވެގެންދާނެ ކަމަށާއި އެ މަގުން އެކަން ކުރުން ކުށްވެރިކުރާ ކަމަށެވެ.
އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި ދިއްދޫ އާ އިންޖީނުގެއާއި އައިސްޕްލާންޓުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއަޅާ، އެ މަސައްކަތްތައް ނިމެންދެން އެ މުވައްޒަފުން ވަޒީފާގައި ބޭތިއްބުމަށް ފެނަކައަށް ދެންނެވުމަށްޓަކައި އެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިދެއްވުމަށް އަބްދުﷲ ވަނީ އެދިވަޑައިގެންފައެވެ.
އެކަމާ ގުޅިގެން އިއްޔެ އެ މުވައްޒަފުން ވަނީ އިހްތިޖާޖުކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ދިއްދޫގެ އާ އިންޖީނުގޭގެ މަސައްކަތަށް ޖުމްލަ 70 ކޮންޓްރެކްޓް މުވައްޒަފުން ނާގަފައިވާ ކަމަށެވެ. މި ވަގުތު އިންޖީނުގޭގެ މަސައްކަތް މަޑު ޖެހިފައި އޮތުމުން އެ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމާފައިވާ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.