ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު ދެ ކުއްޖަކު މިއަދު ފުރައިފިއެވެ.

އަދި އެފަދަ ކުދިންނަށް މިހާރު ދެމުންދާ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިމުގެ ތެރެއިން މި ސަރުކާރުން ފޮނުވާ ފުރަތަމަ ޕޭޝަންޓް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދޭ އިރުޝާދުތަކަށް އެއްބާރުލުންދީ ބޯންމެރޯ ޓްރާންސްޕްލާންޓްކޮށް, ރާއްޖެ އައުމަށްފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން އިލްތިމާސް ކުރެއެވެ.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒެވެ. އެގޮތުގެ މަތިން ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިން އާއި އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކާއި ގުޅޭ މަޝްވަރާތަކެއް ފަށާފަ އެވެ.

ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ހިމެނޭ ކަންތައްތަކެވެ. ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުން ދެ އެވެ.