މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އާ ދެމެދުގެ ވަގުތަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދިގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 07:30 އިން ފެށިގެން މެންދުރުފަހު 01:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން މަނާ ވާނެއެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.