ދިވެހިންނަކީ އެކަކު އަނެކެއްގެ އަބުރަށާއި އިއްޒަތަށް ހުރުމަތްތެރިކޮށް ހިތުމަށް މަގުދައްކައިދޭ ބަޔަކަށް ވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެތައް ޒަމާނެއްގެ ކުރިން ފެށިގެން ދިވެހިން ތެރޭގައި އޮތް އެއްބައެއްވަންތަ ސިފަތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ، މިއަދުގެ މުޖުތަމައުން އަލުން އެ ރިވެތި ސިފަތަކަށް ރުޖޫއަވާން ޖެހޭކަމަށެވެ.

އެގޮތުން އާއިލީ ގުޅުންތައް ރަނގަޅުކުރުމާއި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ގާއިމުކުރުމާއި އަބުރާއި އިއްޒަތް ރައްކާތެރިކޮށްދިނުމާއި ރަހުމާއި ކުލުނާއި އޯގާވެރިކަން އާލާކުރުން ފަދަ ކަންކަމާއެކު ދިވެހިންގެ މާޒީން ދެކެފައިވި އެކުވެރިކަމާއި ގުޅުންތެރިކަމުގެ ރިވެތި މާޒީ އަލުން އިޔާދަވާން ބޭނުންވާކަމމަށް ރައީސް ވިދާޅުވިއެވެ.

އެއީ. އެ ދުވަހު އެކެއްގެ އަންނައުނުން އަނެކަކު ނިވާކޮށްދިނީމު. އެކެއްގެ ބަތްސުވަލުން އަނެކެއްގެ ހައިހޫނުކަން ފިލުވައިދިނީމު. އެކެއްގެ ރެޔާއި ދުވާލުގެ ހިލޭ މަސައްކަތުން އަނެކެއްގެ ގޯތި ގެދޮރު ކުނިކަހައި ސާފުކޮށް ދިނީމު. ކެނޑިފައި އޮތް ކަރަންޓާއި، ހުއްޓިފައި އޮތް ތައުލީމީ ނިޒާމަށް އަލުން ފެށުމެއް ގެނެސްދިނީ، ހުރިހާ ދިވެހީން ގުޅިގެން ދިވެހިވަންތަ އިސްލާމީ ގައުމީ ރޫޙުގައި ހަރަކާތްތެރިވެގެން.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވިގޮތުގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުން ލިބިގަންނަންވީ ފިލާވަޅަކީ އެންމެން އެކުގައި އިސްލާމްދީނުގައި ސާބިތުވެތިބުމުގެ ފިލާވަޅުކަމަށެވެ.

ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.