ބައިބައިވުމާއި އިސްލާމީ އަހްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުސަތު ނުދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވަހަކަފުޅުގައި އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިއުމަތެއްކަން ހަނދާން އާ ކޮށްދެއްވަމުން ބައިބައިވުމާއި އިސްލާމީ އަހްވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުސަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ދިވެހިންނަކީ އެއްދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެތައް ނަސީބެއްގެ ވެރި ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސުނާމީ ކާރިސާގެ ތެރޭގައި އަދި އެ ކާރިސާއާ ގުޅިގެން އެކިރަށްރަށަށް ހިޖުރަކުރި މީހުންނަށް އެހީތެރިވުމުގައި ދިވެހިން އެއްބައިވަންތަ އަދި އެއްބައެއްކަން ދައްކުވައިދިން ކަމަށެވެ.
ރާއްޖެއަށް އަދި ދިވެހިންނަށް ލިބިފައިވާ މި ނަސީބާއި ނިއުމަތްތައް ދަމަހައްޓަންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ގައުމީ ދިދައަށް އިހްތިރާމު އަދާކުރުމުގެ ގޮތުން ގައުމީ ދިދައަށް އިއްޒަތް އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މިޖަލްސާގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ބޭރުގެ ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.