ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިންގާއެޅި އާ ސްކޫލާއެކު ބިންގާއެޅިގެން އެދިޔައީ ދަރިންގެ ސިކުނޑިތައް ބިނާކުރުމަށް ސަރުކާރުން ފަށާ މަސައްކަތްތަކުގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އާ ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ކިތަންމެ އުސްކޮށް ބިނާތަކެއް ކުރި ނަމަވެސް ސިކުނޑިތައް ބިނާނުކުރެވޭނަމަ އޭގެ ފައިދާ ނުފެންނާނެ ކަމަށެވެ. ސިކުނޑިތައް ބިނާކުރުމަކީ އެންމެބޮޑު އެއް މަޝްރޫއު ކަމަށާއި އިމާރާތްތައް ކިތަންމެ އުސްކޮށް ހެދުނު ނަމަވެސް އިމާރާތް ހެދޭ އުސްމިނާއި އެއްވަރަށް ސިކުނޑިތައް ތަރައްގީ ނުކުރެވޭނަމަ ގައުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާ ސްކޫލުގެ ބިންގާއެޅުމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ގަސްދުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރަތަކީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށް ކަމަށެވެ.
ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް2 ގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަސީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ.
ގާތް ގަޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާއެވެ.