އިމާރާތްކުރުމުގެ ދާއިރާއަކީ އަންހެނުންގެ ބޮޑު އިންސައްތައެއް މަސައްކަތްކުރާ ދާއިރާއަކަށް ހައްދަވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި "އެމްއެންއޭސީއައި ބިލްޑަ އެވޯޑްސް 2023" ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކަށް ވާނީ މަސީއާ އަދި ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިޔަށް އޮތް އަހަރުތަކުގައި މިދާއިރާގައި ދިވެހި އަންހެނުން މިހާރަށް ވުރެ އެތައް ގުނައެއް ބޮޑަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށް ސިޔާސަތުތައް ބައްޓަންކުރުން ކަމުގައެވެ.

މީގެ އިތުރުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭންވެސް މިދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކާ ހަމައަށް ވާސިލުވާނެ އަދި ދެވެންހުރި އެންމެ ފަހި ފުރުސަތުތައް އެ އިންޑަސްޓްރީން ލިބިދެވެންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ މަނިކުފާނު ބޭނުންފުޅުވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އޮންނަ އިންކްލޫސިވް އިންޑަސްޓްރީއަކަށްވުންކަމުގައި ރައީސް ވިދާޅުވިއެވެ.

މިހާރު ބައެއް ސަރުކާރުގެ މަޝްރޫއުތައް ކާމިޔާބުކުރުމުގައި ބޭރުގެ ކުންފުނިތަކުން ޑޮމިނޭޓްކުރާކުރުން ނިމުމަކަށް ގެނައުމުގައި ވެސް ބުރަމަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުގައި ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ."ގަވައިދުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަން އަޅުގަނޑުމެން ތިޔަބޭފުޅުންނާ މަޝްވަރާކޮށްގެން ގެންނާންނަން. އެވޯޑްކުރުމުގައި، ޕޮއިންޓްދިނުމުގައި ގެންނަންޖެހޭ ބަދަލެއްވިއްޔާ އެކަންވެސް ކުރާނަން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިންގެ ގައުމިއްޔަތު ކުރިއަރުވައި ވާހަކަދެއްކުމަކީ ފަންނުވެރިކަމާ ސިނާއަތްތައް ވެސް ދިވެހިންގެ އަތްމައްޗަށް ފުރޮޅާލައި ދިވެހިން އެކަމުގައި ބަސްކިޔާގޮތަށް ކަންކަން ބަދަލުވެގެންދިއުން ކަމުގައެވެ.

އިމާރާތް ކުރުމުގެ ސިނާއަތަށް އަމަލީގޮތުން ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މަސީގެ ފަރާތުން އަރުވާ އެންމެ ޝަރަފުވެރި ލަގަބު "ބޮޑު ރަސްގެފާނު ލަޤަގަބު" މި ހަފުލާގައި ރައީސްއަށް ވަނީ އަރުވާފައެވެ. މި ހަނދާނީ ފިލާ ރައީސް އާއި ހަވާލުކޮށްދެއްވީ މޯލްޑިވްސް ނެޝެނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ރައީސް މުހައްމަދު އަލީ ޖަނާޙެވެ.

މި ހފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލުކުރެއްވީ އަމީން ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަމަން އަބްދުﷲ މުހައްމަދާއި، ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއަމަން މުހައްމަދު އަލީ ޖަނާޙަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.